ލ. އަތޮޅު މަސްވެރިންގެ އުދާސްތައް ރައީސަށް ބަންޑުންކޮށްލައިފި

ރައީސް ސޯލިހް މަސްވެރިންނާ ބައްދަލު ކުރެއްވާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ލ. އަތޮޅުގެ ބައެއް ރަށްތަަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މަސްވެރިންނާ ބައްދަލު ކުރުމުން އެ މަސްވެރިންގެ ކަންބޮޑުވުންތަކާއި އުދާސްތައް އެމަނިކުފާނަށް ބަންޑުން ކޮށްލައިފި އެވެ.

ލ. ހިތަދޫ ސްކޫލް ހޯލުގައި މިއަދު ހަވީރު ބޭއްވި މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، މަސްވެރިންގެ ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް މަސްވެރިކަންކުރުމުގައި ދަތިވާ ކަންކަމުގެ މައުލޫމާތު އެ މަސްވެރިން ރައީސް ސޯލިހާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެކަން ކަން ހައްލު ކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދައިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން މަސްވެރިންނަށް އެންމެ ދަތިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އައިސް ލިބުމުގައި ދިމާވާ އުނދަގޫތަކާއި، ނުއަގުގައި މަސްކިރުވަންޖެހުމާއި، ފަހި ޑީސަލް ހަކަތަ އެޕް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި، ބޭންކިންގގައި ދިމާވާ ދަތިތައް މަސްވެރިން ވަނީ ރައީސް ސޯލިހާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަސްވެރިކަމާ ބެހޭ ވަޒީރު، ޒަހާ ވަހީދާއި ސަަރުކާރުގެ އިސްވެރިން މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލު މަސްވެރިންނާ ހިއްސާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ކަން ރައީސް ސޯލިހް އެ މަސްވެރިންނަށް އެރުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ އެހެން ބައެއް ވަޒީރުންނާއި ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް