48 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ފަށައިފި

48 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރާއްޖޭގެ 48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ބޭނުންކުރަން ފަށައިިފ އެވެ.

އެކަން ފާހަގަކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް)އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް" މަޝްރޫއުގެ ދަށުން ކުރި މަސައްކަތެކެވެ.

މީހުން ދިރިއުޅޭ 160 ރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ ހަކަތައިގެ ދާއިރާގެ މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން ރަށްރަށުގައި ސޯލަރ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ގާއިމްކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެ ނިޒާމުތަކުން އުފައްދާ ކަރަންޓު އިސްރާފުވެގެންދާ މިންވަރު ކުޑަކުރުމަށް ޓަކައި ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުން ވެސް ހިމެނޭ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާތަނަށް 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ނިމިފައިވާ ކަމަށާއި އެއާ އެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ މިންވަރު 21.5 މެގަވޮޓަށް އިތުރުވެފައިވާ ކަމަށެެވެ.

އެ މަޝްރޫއުގެ ދަށުން ހައިބްރިޑް ނިޒާމް ގާއިމްކުރި ގައުމުތަކުގެ ތެރޭގައި ގއ. ވިލިގިލި، ބ.ގޮއިދޫ، ތ.ބުރުނި، ޅ.ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ.އަތޮޅުގެ 14 ރަށް، ށ.އަތޮޅުގެ 13 ރަށް އަދި ނ.އަތޮޅުގެ 13 ރަށް ހިމެނެ އެވެ. އޭގެ އިތުރަށް 2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ގާއިމުކުރުމަށް ނިންވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2023 ވަނަ އަހަރުގެ ނިޔަލަށް 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ އިންސައްތައަށް ވުރެ، 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް