ޖަޕާނު ސަރުކާރުން ރާއްޖެއަށް 500 މިލިއަން ޔެންގެ އެހީއެއް

އެކްސްޗޭންޖް އޮފް ނޯޓިސްގެ ދަށުން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ލިސްޓު، ސަރުކާރާ ހަވާލުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ފޮރިން މިނިސްޓްރީ

ރާއްޖޭގެ އެކި ދާއިރާތައް ތަރައްގީކުރުމަށްޓަކައި ޖަޕާނުގެ ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ 500 މިލިއަން ޔެން (4.56 މިލިއަން އެމެރިކާ ޑޮލަރު)ގެ ތަކެތީގެ ލިސްޓު މިއަދު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އެ ލިސްޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަހަރު އޮކްޓޯބަރު މަހުގައި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖެއަށް ޖަޕާނުން ހަދިޔާކުރާ ތަކެތީގެ ލިސްޓެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެ ލިސްޓު ހަވާލުކުރައްވާފައިވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މިއަދު ހަވާލުކުރެއްވި ލިސްޓުގައި ކަނޑައަޅާފައިވާ 500 މިލިއަން ޔެންގެ އެހީއަކީ ރާއްޖޭގެ އިޖުތިމާއި އަދި އިގްތިސާދީ ތަރައްގީއަށް ފޯރުކޮށްދޭ އެހީ އެވެ.

އެ އެހީގެ ދަށުން ޖަޕާނުން ހަދިޔާކުރުމަށް ނިންމާފައިވަނީ، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ ލިސްޓު ހަވާލުކުރެއްވުމުގެ ރަސްމިއްޔާތައް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް އުވައިސް ވިދާޅުވީ ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތައް ކުރަމުން ކަމަށެވެ. އަދި ޖަޕާނުން އެކި ކަހަލަ ގޮތްތަކުން ރާއްޖެއަށް އެހީތެރިވެދޭ ކަމަށް އުވައިސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

comment ކޮމެންޓް