ޓުއަރިޒަމްގެ އިވެންޓް މަރީ ހޮސްޓް ކުރި މައްސަލަ މަޖިލީހުން ބަލަނީ

ޓޫރިޒަމް މިނިސްޓްރީން "ބުރަބި" ނަމުގައި ދަރުބާރުގޭގައި ބޭއްވި ހަފްލާ ހުށަހަޅައިދިނުމުގައި ބްރޯޑްކޮމްގެ ރައީސް މަރީ -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޓުއަރިޒަމް މިނިސްޓްރީގެ ހަފްލާއެއް، ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރްޔަމް ވަހީދާ (މަރީ) ހޮސްޓްކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ބަލާނެ ކަމަށް އެ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ޓުއަރިޒަމަށް އަލަށް ހުޅުވާލާ ރަށްތައް އިއުލާނު ކުރުމަށް އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފްލާ ހުށަހަޅައި ދީފައިވަނީ މަޝްހޫރު ޕްރެޒެންޓަރު އަދި ދާދި ފަހުން ބްރޯޑްކޮމްއަށް އައްޔަނު ކުރި އެ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުމުރުން ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރައްވަން ރައީސް އޮފީހުން ރަސްފަންނުގައި ބޭއްވި ހަފްލާއެއްގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު ފާތުމަތު ޒޭނާ ގޮނޑިޖަހަން އުޅުއްވާ މަންޒަރު އާންމުވެ އޭނާ އަށް ފާޑުކިޔުން އަމާޒުވި ފަދައިން މަރީއަށް ވެސް ވަނީ ބައެއް ފަރާތްތަކުން ފާޑުކިޔާފަ އެވެ.

އެއާއި އެކު ރޮޒައިނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލިސް ހުޅުވުމާއި އެކު އެ މައްސަލަ ކޮމެޓީން ބަލާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފަސް ނުޖެހި ކުރަމުން ގެންދާނެ ކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

ބްރޯޑްކޮމްގެ ރައީސް ސަރުކާރުގެ ހަފްލާއެއް ހުށަހަޅައިދެއްވާފައި ވާއިރު، އެ ކޮމިޝަނަށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ގައިސް އައްޔަން ކުރި މައްސަލަ ވެސް އޮތީ ވަރަށް ހޫނުވެފަ އެވެ.

ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ގައިސް އަކީ މީގެ ކުރިން އެމްޑީޕީގެ ފަރާތުން ގދ. އަތޮޅު ކައުންސިލަރުކަން ކުރައްވާފައިވާ އަދި އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައިވެސް ވާދަކުރެއްވި ގައިސް އަކީ މިހާރު ބްރޯޑްކޮމްގެ ނައިބު ރައީސް އެވެ.

މަރީ އާއި ގައިސްގެ އިތުރުން ދެން ބްރޯޑްކޮމްގައި ތިއްބަވަނީ ރާއްޖެ ޓީވީގެ ކުރީގެ ނިއުސް ހެޑް އަލީ ޔޫސުފުގެ އިތުރުން އަހްމަދު އަމްޖަދާއި، ޒީނާ ޒާހިރު އަދި އައިމިނަތު ސަހާރަތު އިއްޒަތެވެ. އަދިވެސް ބްރޯޑްކޮމްގެ މަގާމެއް ހުސްކޮށް އެބަ އޮތެވެ. އެއީ ކޮމިޝަނުގެ ނައިބު ކަމުގައި ހުރި ޒައިނާ ވަކި ކުރުމުން ހުސްވި މަގާމެވެ. އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

comment ކޮމެންޓް