ރޮނާލްޑޯގެ މޮޅު ގޯލުން ޔުވެންޓަސް އެއްވަނައަށް

ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ ސަމްޕްޑޯރިއާ ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// އޭޕީ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ "އާދަޔާ ޙިލާފު" ގޯލާ އެކު ސަމްޕްޑޯރިއާ އަތުން މޮޅުވެ ޔުވެންޓަސް އެއްވަނައަށް ޖެހިލައިފި އެވެ.

ސަމްޕްޑޯރިއާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ޔުވެންޓަސް ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ޔުވެންޓަސް ވަނީ 17 މެޗު ކުޅެ ލިބުނު 42 ޕޮއިންޓާ އެކު އެއްވަނައަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް އެއް މެޗު މަދުން ކުޅެ 39 ޕޮއިންޓް ލިބޭ އިރު 36 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ޔުވެންޓަސް ދެން މެޗެއްގައި ބައްދަލު ކުރަން ޖެހޭ ލާޒިއޯ އެވެ. ރޭގެ މެޗުން ބަލިވި ސަމްޕްޑޯރިއާ މިވަގުތު އޮތީ 15 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުން ވެސް ހަމަލާތައް ހަމަހަމައަށް އުފައްދަމުން ދިޔަ އިރު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޔުވެންޓަސްއިންނެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އެވެ. ޑިބާލާގެ ގޯލަށްފަހު ސަމްޕްޑޯރިއާއިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ.

ޖިއަންލޫކާ ކަޕްރާރީގެ އެ ގޯލާ އެކު ސަމްޕްޑޯރިއާއިން އުންމީދާ އެކު ކުޅެމުން ދަނިކޮށް ޔުވެންޓަސް އަލުން އަނބުރާ ލީޑު ނެގީ ރޮނާލްޑޯގެ ގޯލުންނެވެ. އަށް ވަރަކަށް ފޫޓު މައްޗަށް ފުންމާފާއި ރޮނާލްޑޯ ބޮލުން ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވި އިރު މި ގޯލަށް ގިނަބައެއްގެ ބޮޑު ތައުރީފެއް ވަނީ ލިބިފަ އެވެ.

"މިއީ ވަރަށް މުހިއްމު މޮޅެއް. ވަރަށް މޮޅަށް ކުޅުނު ސަމްޕްޑޯރިއާ އަތުން ވަރަށް އުނދަގޫ މޮޅެއް ލިބުނީތީ އުފާކުރަން،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ މެޗުގައި ޖެހުނު ގޯލާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ. ސަބަބަކީ އެ ގޯލުގެ ސަބަބުން ތިން ޕޮއިންޓް ޔަގީންވީމަކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

ޔުވެންޓަސް އަށް ދެން އޮތީ އިޓާލިއަން ސުޕަ ކަޕުގައި ލާޒިއޯއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ސައުދީ އަރަބިއާގެ ރިޔާޒްގަ އެވެ.

comment ކޮމެންޓް