ވާދަވެރި އެލްކުލެސިކޯއަށް ހަމަހަމަ ނިމުމެއް

ބާސެލޯނާއާއި ރެއާލް މެޑްރިޑް ރޭ ކުޅުނު އެލްކުލެސިކޯ މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި އެލްކުލެސިކޯ މެޗު އެއްވެސް ޓީމަކަށް ގޯލު ނުޖެހި، އެއްވަރުވެގެން ނިމިއްޖެ އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން ނިމުނު އިރު މެޗުން ލިބުނު ޕޮއިންޓާ އެކު ދެ ޓީމު ވެސް މިވަގުތު އޮތީ 36 ޕޮއިންޓާ އެކު އެވެ. އެކަމަކު ބާސެލޯނާއަށް ތާވަލުގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ބާސެލޯނާއާއި ރެއާލް މެޑްރިޑް އެންމެ ފަހުން ލީގުގައި ގޯލެއް ނުޖެހި އެއްވަރުވީ މީގެ 17 އަހަރު ކުރިންނެވެ. އަދި އެހެންމެ ރެއާލަށް ލީގުގައި ބާސެލޯނާ އަތުން ކުރި ހޯދިފައި ނުވާތާ މިވީ އަށް މެޗެވެ.

ރޭގެ މެޗަށް ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ސްކޮޑަކާ އެކު ނުކުން އިރު ދެ ޓީމުގެ ވެސް ތަޖުރިބާކާރު މިޑްފީލްޑަރުން ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ. ބާސެލޯނާގެ ސާޖިއޯ ބުސްކެޓަށް ޓެކްނިކަލް ޑިސިޝަނަކާ އެކު ފުރަތަމަ އެގާރައިން ޖާގަ ނުދިން އިރު ރެއާލްގެ ލޫކާ މޮޑްރިޗް ކުޅެން ނެރުނީ ފަހު ހާފުގަ އެވެ.

މެޗު ފެށިގެން ގިނަ ހަމަލާތައް އުފައްދާ ޑޮމިނޭޓް ކުރަމުން ދިޔައީ ރެއާލް މެޑްރިޑުންނެވެ. ބާސެލޯނާގެ މުޅި ހާފުގެ ތެރެއަށް ފެތުރިގަނެ ހައި އެޓޭކިންގް ލައިނެއްގައި ރެއާލް ކުޅެމުން ދިޔައިރު ބާސެލޯނާއިން ވެސް ލިބުނު ކައުންޓާ އެޓޭކްތަކުގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑަށް ލިބުނު ކޯނަރެއްގެ ފައިދާ ނަގައި ކަސެމީރޯ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލު ރޮނގު މަތިން ޖެރާޑް ޕީކޭ ވަނީ ދިފާއު ކޮށްފަ އެވެ.

އަދި އެ ހާފުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާއެއް ރެއާލްގެ ރޮނގުމަތިން ކެޕްޓަން ސާޖިއޯ ރަމޯސް ވެސް ދިފާއު ކުރި އެވެ. ދެ ޓީމުގެ ފަރާތުން ވެސް މުޅި މެޗުގައި ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ދެވަނަ ހާފުގައި ރެއާލްގެ ފޯވާޑް ގެރެތު ބޭލް ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

ގިނަ ކާޑުތަކެއް މެޗުގައި ފެނިގެން ދިޔައިރު ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު ކުޅިވަރާ ޙިލާފު ބައެއް އަމަލުތަކެއްގެ ސަބަބުން މެޗު ހުއްޓާލަން ވެސް ޖެހުނެވެ. މި މެޗު މީގެ ދެ މަސް ކުރިން ކުޅެން އޮތް ނަމަވެސް މި ތާރީހަށް މެޗު ލަސް ކުރީ ބާސެލޯނާ ސިޓީގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކެއްގެ ސަބަބުންނެވެ.

ރޭގެ މެޗުން އެއްވަރުވުމާ އެކު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭއަށް ވަނީ ކުލަބު ރެކޯޑަކާ އަރައި ހަމަ ވެފަ އެވެ. އެއީ މީގެ ކުރިން ޕެޕް ގާޑިއޯލާ ހެދި އެލްކުލެސިކޯއިން ހަތް މެޗުގައި ބަލިނުވެ އައުމުގެ ރެކޯޑެވެ.

އެލްކުލެސިކޯގެ ޓޮޕް ގޯލް ސްކޯރާ މެސީއަށް ވެސް ރޭގެ މެޗަކީ ހާއްސަ މެޗެކެވެ. އޭނާ ވަނީ ބާސެލޯނާގެ ތާރީހުގައި ވެސް އެންމެ ގިނަ އެލްކުލެސިކޯ ކުޅުނު ކުޅުންތެރިޔާއަށް ވެފަ އެވެ. މެސީ ވަނީ މިހާތަަނަށް 42 ކުލެސިކޯ ކުޅެ 26 ގޯލު ޖަހައިފަ އެވެ.

comment ކޮމެންޓް