މަޑުއްވަރިން އިތުރު މީހަކު ހައްޔަރުކޮށްފި

މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަން --- ސަން ފޮޓޯ

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ފަށާފައިވާ އޮޕަރޭޝަންގައި ދެވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

އެ އޮޕަރޭޝަންގައި މިއަދު މެންދުރު ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މިހާރު އޮޕަރޭޝަންގައި ދެވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރިހެކެވެ.

އޮޕަރޭޝަނަށް ސަލާމަތީ ބާރުތަކުން މަޑުއްވަރިއަށް މިއަދު ހެނދުނު އަރައި އެ ރަށުގެ ބައެއް ގެތައް ކޯޓް އަމުރެއްގެ ދަށުން އަންނަނީ ބަލައި ފާސްކުރަމުން އެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ރަށު ބޭރުގައި ހަރަކާތްތެރިވަމުންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމުތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އުޅޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި އެމީހުންނަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހުރޫމުކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގެތައް ބަލައި ފާސްކުރުމުގެ އިތުރުން، ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އިސްވެހަރަކާތްތެރިވާ ފަރާތްތައް ހޯދާ ދެނެގަނެ، މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި، މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާއީދުކޮށް އަދި އެފަދަ އަމަލުތައް ފަތުރަން މަސައްކަތްކުރާ ގްރޫޕުން، އެ ފަރާތްތަކުން ގަބޫލުކުރާ ކުރުންތަކުގެ މައްޗަށް ބިނާކޮށް ހައްގަކާ ނުލާ މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ، ތަފާތު ޖިނާއީ ކުށްތައް ކުރަމުންދެ އެވެ.

ޓެރަރިޒަމާއި ހައްދުފަހަނަ އަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންތައް ދިފާއުކޮށް ފަތުރަން މަސައްކަތްކުރާކަމަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންނާއި ސިފައިން ގުޅިގެން އަޅާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައިވެ އެވެ.

comment ކޮމެންޓް