2021 ވަނަ އަހަރުގެ އޭޝިއަން ރޯވިންގް ކޯސްޓަލް ޗެމްޕިއަންޝިޕް ރާއްޖޭގައި

މި އަހަރުގެ ރޯވިންގް މުބާރާތެއްގައި ރާއްޖޭގެ އަންހެން އެތުލޓީން ވާދަކުރަނީ --- ފޮޓޯ// ރޯވިންގް އެސޯސިއޭޝަން

ދެހާސް އެކާވީސް ވަނަ އަހަރުގެ އޭޝިއަން ރޯވިންގް ކޯސްޓަލް ޗެމްޕިއަންޝިޕު (އޭއާރު ސީސީ) ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ކާމިޔާބުކޮށްފި އެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރާ ކުޅިވަރު އޭސޯސިއޭޝަންތަކުގެ ތެރެއިން މާލެއިން ބޭރުގައި ހަރަކާތްތެރިވާ ހަމައެކަނި އެސޯސިއޭޝަން ކަމަށްވާ ރޯވިން އެސޯސިއޭޝަނުގެ ރައީސް އަހުމަދު ހަބީބް މިއަދު ވަނީ އޭޝިއަން ރޯވިންގް ފެޑެރޭޝަންގެ ޖޮއިންޓް ކޮމިޓީ މީޓިންގް އަދި އެކްސްކޯ މީޓިންގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި ބައްދަލުވުމުގައި އޭއާރުސީސީ އިން އިންތިޒާމު ކުރާ ބޮޑު މުބާރާތް 2021 ގައި ރާއްޖޭގައި ބޭއްވުމަށް ވަނީ ބިޑުކޮށް ކާމިޔާބު ކޮށްފަ އެވެ.

ހަބީބް "ސަން" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބުނު ފުރުސަތެއް ކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭނެ އެންމެ ބޮޑު އެއް ބައިނަލް އަގުވާމީ މުބާރާތް ކަމަށެވެ.

"އޭއާރުސީސީ އަކީ ކޮންމެ އަހަރަކުވެސް އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ ބޮޑު މުބާރާތެއް. މި މުބާރާތުގައި 36 ގައުމުގެ މެމްބާރޝިޕް މިހާރު ވެސް އޮންނަ އިރު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް އެތުލީޓުން ބައިވެރިވާނެ،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯވިންގް އެސޯސިއޭޝަނުން ފުރަތަމައިން އެ މުބާރާތަށް ބިޑު ކުރުމުގެ ކުރިން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ބިޑު ކާމިޔާބު ކުރުމަށް އެ ބޭފުޅާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އިރުޝާދު ލިބުނު ކަން ހަބީބް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ރޯވިންގް ކެނޯއެއްގައި ފަލި ޖެއްސެވުމަށްފަހު --- ފޮޓޯ// ރޯވިންގް އެސޯސިއޭޝަން

މީގެ އިތުރުން 2021ގައި އެ މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ އައްޑޫ ސިޓީގައި ކަމަށާއި 2023 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ރޯވިންގްގައި ބައިވެރިވުމަށް އޮލިމްޕިކް ފެޑެރޭޝަންގައި ވެސް ރަޖިސްޓްރީ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭޝިއަން ރޯވިންގް ފެޑެރޭޝަނާއި ވާހަކަ ދެއްކުމުން އެނގިގެން ދިޔަ އެއް ކަމަކީ އެ ބޭފުޅުން ވެސް ބޭނުންވޭ މި ރީޖަންގެ މެއިން ހަބެއްގެ ގޮތުގައި ރާއްޖެ ބަހައްޓަން. އެހެން ކަމުން ކުރިއަށް އޮތްތާ މި ކުޅިވަރުގެ ބޮޑެތި ޑިވެލޮޕްމެންޓް ސެންޓަރުތައް ރާއްޖޭގައި ގާއިމު ކުރެވިގެންދާނެ."

މި އަހަރުގެ އޭއާރުސީސީ މުބާރާތް ބާއްވާފައި ވަނީ ޗައިނާގެ ހޮންގް ކޮންގްގަ އެވެ. މިއީ މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރަށްވާ އިރު ރާއްޖޭގެ އަތޮޅު ތެރޭގައި މިއަހަރު ވެސް ވަނީ ރޯވިންގް މުބާރާތްތައް ޕްރެކްޓިސް ކޮށްފަ އެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގެ ސުކޫލުތަކަށް އަމާޒުކޮށް އިންޓަ ސްކޫލް ރޯވިން މުބާރާތެއް ވަނީ ބާއްވާފަ އެވެ. އެ މުބާރާތުގައި ފަސް ސްކޫލަކުން 83 ކުދިން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް