އެ ދުވަހެއް ނައި، ހިޔާވަހިކަމެއްގެ އިންތިޒާރުގައި 10 އަހަރު

ކުޅުދުއްފުށީގައި އަޅަންފަށާފައި ހުރި ރޯހައުސްތަކެއް--- ފޮޓޯ: ޝަރީފް

"ރޯ ހައުސްތަކުގެ މަސައްކަތް ދިޔައީ ވަރަށް ސަކަރާތްކޮށް. ރޯހައުސްތަކުގައި އެއްޗެހިތައް ހުރިތަންތަނުގައި އެއްޗެހިވެސް މިހާރު ނެތް. ކަރަންޓެއް ނެތް ތަންތަން އެބަހުރި. އެއްގޮތަކަށް ވެސް ކުރިއަކަށް ނުދިޔަކަމެއް މިއީ. މިތަނަށް ވަދެވޭތޯ މި ތިބެނީ،" ރައީސް ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގައި އަޅަން ފަށާފައިވާ ރޯހައުސްތަކާ ބެހޭ ގޮތުން، ސުވާލުކުރުމުން އެ ރަށު ރައްޔިތަކު ޝަކުވާތައް ބަންޑުންކޮށްލި އެވެ.

މިއީ ކުޅުދުއްފުށީގެ އެންމެ ދެ މީހެއްގެ ވާހަކައެއް ނޫނެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ތިބީ، މި މާޔޫސް ކަމުގަ އެވެ. އެ ރަށު އެހެން މީހަކު ބުންޏެވެ؛ ދިހަ އަހަރު ވެސްވީ އެވެ. އެކަމު ވީކަމެއް ނެތެވެ. އޭނާ ބުނާގޮތުން ނަމަ ރޯހައުންސްތައް ނިމޭނެ ދުވަހެއް، ވަދެވޭނެ ދުވަހެއް އެއީ އުމުރު ދުވަހުގެ ދިގު އިންތިޒާރެއް ކަހަލަ ކަމެކެވެ.

ރޯހައުސްތައް ހަދަން ފެށީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ރަށުގެ ތިން ސަރަހައްދެެއްގައި ރޯ ހައުސްތައް ހަދަން ފެށިއިރު ނޫމަޑި އިންވެސްޓްމަންޓާ ހަވާލުކުރީ "މާފަލުހިޔާ" އާއި "ބަންޑާރަހިޔާ"ގެ ނަމުގައި ހަދަން ފަށާފައިވާ ރޯހައުސްތަކެވެ. އަދި ވޭވްލެންތު ކިޔާ ކުންފުންޏަކާ ހަވާލުކުރީ "ކަނބޯރަނިހިޔާ"ގެ ރޯހައުސްތަކުގެ މަސައްކަތެވެ.

ކުޅުދުއްފުށީގެ ރޯހައުސްތައް ހިމެނޭ ސަރަހައްދު--ފޮޓޯ: ޝަރީފް

ރޯހައުސްތަކުގެ ކުރު ހުލާސާއެއް

  • މާފަލުހިޔާ - 40 ރޯހައުސް
  • ބަންޑާރަހިޔާ - 100 ރޯހައުސް
  • ކަނބޯރަނިހިޔާ - 25 ރޯހައުސް

ރޯހައުސްތައް ހުރީ ވީރާނާވާން ދޫކޮށްލާފައި!

ވޭވްލެންތު ކުންފުންޏާ ހަވާލުކުރި ކަނބޯރަނިހިޔާގެ ރޯ ހައުސްތައް ނިމުނު ނަމަވެސް ނޫމަޑިއާ ހަވާާލުކުރި އެއްވެސް ތަނެއް ނުނިމުމަކީ ކުޅުދުއްފުށީ މީހުންގެ އެންމެ ބޮޑު ޝަކުވާ އެެވެ. ނިމިގެން ދިޔަ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ނޫމަޑިން ހަދަން ފަސާފައި ހުރި ރޯ ހައުސްތަކުގެ ހައްގުވެރިންނަށް ތަޅުދަނޑިވެސް ހަވާލުކުރި އެވެ. ކުޅުދުއްފުށީ މީހުންގެ ނަޒަރުގައި އެއީ ހުސް ދަޅަ އެވެ. ކުރިން ކުރި ޝަކުވާތައް އަނެއްކާވެސް ޖެހުނީ ދިގުދަންމާލާށެވެ.

ކުޅުދުއްފުށީގެ ރޯހައުސްއެއް 2011 ވަނަ އަހަރު. އެތަން އަހަރެއް ވަންދެން އެތަން ހުރީ ވީރާނާވާން ދޫކޮށްލާފައި--ފޮޓޯ: އިއްބެ

" ނޫމަޑިން ފެށި 140 ރޯ ހައުސް 2012 އިގައި ވެރިކަން ބަދަލުވުމާ ހިސާބަށް ހުރިގޮތަށް ވަރަށް ފަހަކާ ޖެހެންދެން ހުރީ. ނިމިފަ ހުރި ތަންތަން ނިމުމަށްފަހު ވީރާނާވާން ފަށާފަހުރީ. ފާއިތުވި ހަތް އަހަރު ދުވަސްތެރޭ އެތަން ވީރާނާ ހާލަތަކަށް ވެފަ އެހުރީ. އެހެން ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ރޯހައުސްތަކުގެ ތަޅުދަނޑި ހަވާލުކުރެވުނު. ތަޅުދަނޑި ހަވާލުކުރިޔަސް ތަންތަން ހުރީ ވީރާނާވެފަ. ދޮރުތައްވެސް ނެތް. ދޮރުނުހުޅެވޭ. މުށިތައް ހަލާކުވެފަ" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވި އެވެ.

ރޯހައުސްތަކުގެ ތެރެއިން ކިރިޔާވެސް މީހުންނަށް ވަދެވޭވަރުވީ ކުޅުދުއްފުށީގެ ކަނބޯރަނިހިޔާގެ ރޯހައުސްތަކަށް އެކަންޏެވެ. އެތަނަކީވެސް 2013 ވަނަ ނިމިފައި ހުރި ތަނެކެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ދެދުވަހަށް ވެފައި ވަނިކޮށް އެތަނުގެ ތަޅުދަނޑި ހަވާލުކުރިއިރު އެތަނުގައި ހިމެނޭ ޖުމްލަ 25 ރޯހައުސްގެ ތެރެއިން 20 ރޯހައުސްގައި މިހާރު ވަނީ މީހުން ދިރުއެޅެންވެސް ފަށައިފަ އެވެ.

ކުޅުދުއްފުށީ ރޯހައުސްއެއްގެ އެތެރެ--ފޮޓޯ: ޝަރީފް

މިދިޔަ ޖެނުއަރީމަހު އެ ރޯހައުސްތަކުގައި މީހުން ދިރިއުޅެން ފެށީ އެމީހުން އަމިއްލައަށް ބޮޑެތި މަރަމާތުތަކެއް ކުރުމަށްފަހު އެވެ. ސަރުކާރުން ފަހުން އެ މަރާމާތުތަކަށް ވަނީ އެކިވަރުގެ ބަދަލުތައް ދީފައެވެ. އެގޮތުން ބައެއް މީހުންނަށް 50،000 ރުފިޔާގެ ބަދަލުވެސް ދީފައިވާ ކަމަށް އެތަނުގައި ދިރުއުޅޭ ބައެެއް މީހުން ބުންޏެވެ.

މަރާމާތުކުރަން އަދި ފެށީ މަދު ރޯ ހައުސްތަކެއް!

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ރޯ ހައުސްތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މާފަލުހިޔާގައި އަޅާފައިވާ 40 ރޯ ހައުސްތައް މަރާމާތުކުރަން ފެނަކަ ކޯޕަރޭޝަނާ މިދޔަ މަހު ފަހުކޮޅު ހަވާލުކުރީ 190 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 23.3 މިލިއަން ރުފިޔާ އެވެ. ދިހަ އަހަރުވަންދެން ކުޅުދުއްފުށީގެ މީހުން ކުރަމުންއައި އިންތިޒާރުގެ ކުޑަ ހުޅުކޮޅެއް ނަމަވެސް ދިއްލޭތަން ދަނީ ފެންނަމުންނެވެ.

ނަމަވެސް ކުޅުދުއްފުށީގެ ގިނަ މީހުންގެ އުއްމީދުތަކާ ގުޅިފައިވާ ބަންޑާރަހިޔާ ރޯހައުސްތަކުގެ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ. ޖުމްލަ 100 ރޯހައުސް ހިމެނޭ ތަނުގެ މަސައްކަތް ކޮށްދޭން ބަޔަކު ހޯދަންވެސް އަދި މިހާތަނަށް ސަރުކާރުން އިއުލާންއެއްވެސް ކޮށްފައެއް ނުވެ އެވެ. އަދި އެކަން އަވަސް މުސްތަގުބަލެއްގައި ފަށާނެކަމަށް ސަރުކާރުން އަދި ރަސްމީކޮށް ބުނެފައެއް ނެތެވެ.

ކުޅުދުއްފުށީގައި އަޅަންފަށާފައި ހުރި ރޯހައުސްތަކެއް--- ފޮޓޯ: ޝަރީފް

ކުރިން ނޫމަޑިއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ބަންޑާރަހިޔާގެ 100 ރޯހައުސްތަކުގައި ހަމައެކަނި ކޮށްފައިވާ މަސައްކަތަކީ ރާނާ ހިޔާކޮށް ސިމެންތިޖެހުން އެކަންޏެވެ. ކަން ނުވިޔަސް ސަރުކާރުން ވަނީ ނޫމަޑިއަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ ބޮޑު ބަދަލެއް ދީފަ އެވެ.

ކުޅުދުއްފުށީގައި އަޅަންފަށާފައި ހުރި ރޯހައުސްތަކެއް--- ފޮޓޯ: ޝަރީފް

"ރައީސް ނަޝީދުގެ ވެރިކަން ނިމުނުފަހުން އެހެން ބަޔަކު އެތަން ކުޑަކޮށް ހެދި. ދެން އޭރު އެތަން ހުރިގޮތަށް އެހުރީ. ނޫމަޑިއާ ސަރުކާރާ ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށް ވަނީ. އެކަމު އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެކަމެއް ނޫން.ކުޅުދުއްފުށި ފަދަ ބޮޑު އާބާދީއެއްގައި ރައްޔިތުން ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައިއިރު ނޫމަޑި މައްސަލަ ކޯޓުން ނަމަވެސް ގޮތެއް ނިންމައިގެން އެކަންކުރަން ޖެހޭ" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލްއިން ދެނީ އުންމީދު!

ކުރީގެ ސަރުކާރުތަކުން ރޯ ހައުސްތަކާމެދު މާބޮޑު އަޅާލުމެއް ނުބަހައްޓާކަމަށް ބުނެ އެކަމަށް ކުޅުދުއްފުށީގެ ކައުންސިލްއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ހާއްސަކޮށް 2013 ވަނަ އަހަރު ނިމިފައި ހުރި ރޯ ހައުސްތައްވެސް ފަސް އަަހަރު ވަންދެން ބަހައްޓައި ވީރާނާވާން ދޫކޮށްލުމަކީ ގަބޫލުނުކުރެވޭނެކަމަށް ކައުންސިލްއިން ބުންޏެވެ.

ކުޅުދުއްފުށީގައި އަޅަންފަށާފައި ހުރި ރޯހައުސްތަކެއް--- ފޮޓޯ: ޝަރީފް

" 2017 ވަނަ އަހަރުވެސް ކައުންސިލް އިންތިހާބާ ދިމާކޮށް ރޯ ހައުސްތަކުގެ ވާހަކަ އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒުއަށް ދެންނެވި. އެކަމަކު މުއިއްޒު ވަކި ޖަވާބެއް ނުދެއްވާ. އެހެން ނަމަވެސް މިހާރުގެ މިނިސްޓަރު އާތިފާ މިއަހަރު ކުރީކޮޅު މިރަށަށް އައިސް އެތަންތަން މަރާމާތުުކޮށްދެއްވާނެކަމަށް ވިދާޅުވި" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރޯ ހައުސްތަކާމެދު ކައުންސިލްގެ އުއްމީދުތައް ކިތަންމެ ފޮނި ނަމަވެސް ކުޅުދުއްފުށީގެ ރައްޔިތުންގެ ކަންބޮޑުވުމަކީ ކުރީގެ ސަރުކާރުތަކުގަައި ވީގޮތަށް އެތަން އަލުން ވިރާނާވާން ދޫކޮށްލާފައި އޮތުމުގެ ބިރު އޮތުމެވެ. މިހާރުވެސް ބައެއް ރޯހައުސްތަކުގައި ހުރި ކަރަންޓް ނަރަށްދަންދެން ވަގަށް ގެންގޮސްފައިވާއިރު އެތަނަކީ މިހާރު އެރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާލިތަކެކެވެ. ޕާޓޭއިން ވަދެ ބޮޑުކަމު ގޮސް ހޮޑުލައި ހަދައި އަތުޖެހުނު އެއްޗެއް ވަގަށް ނަގަމުންދާއިރު އެތަންތަން ދަނީ މަޑުމަޑުން ވީރާނާވަމުންނެވެ.

އޭގެ އިތުރުން މިހާރު ކަނބޯރަނިހިޔާ ރޯހައުސްތަކުގައި އުޅެމުންދާ މީހުން ޝަކުވާތައްވެސް އެބައޮތެވެ. އެ ރޯހައުސްތަކުގެ ފާރުތައް ކަނޑައިގެން ގޮސް ފެންލީކްވުމުގެ މައްސަލަ އެވެ. އެތަނުގައި ޖަހާފައި ހުރި މުށިތައް ހަލާުކުވަމުންދަނީ އެވެ.

ކުޅުދުއްފުށީގެ ރޯހައުސްތަކެއް--ފޮޓޯ: ޝަރީފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބަށް ކެމްޕެއިންއަށް ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ފަސޭހަގޮތްތަކެއް ހޯއްދަވައިދެއްވާނެކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ. ކުރީގެ ސަރުކާރުން ރަށުގެ ބޯހިޔާވަހިކަމަށް މާބޮޑު އަހައްމިއްޔަތުކަމެއް ނުދިންއިރު މި ފަސްއަހަރު ރޯހައުސްތައް ނުނިމިއްޖެނަމަ މި ސަރުކާރުންވެސް ކީހާޅެން ވާނީ ހަމަ ފަރިއްސަށެވެ.

comment ކޮމެންޓް