ހަރުކަށި ފިކުރުގެ ބިރުވެރި "ކޭމްޕް"ތަކެއް! ނުރައްކާ ހާލަތެއް!

މަޑުއްވަރީގައި ފުލުހުން ގެންދާ އޮޕަރޭޝަންގައި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރުގެ މީހުން ހިންގާ ހަރަކާތްތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން އިއްޔެ ހެނދުނުން ފެށިގެން އެ ރަށަށް އަރާ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ. އެ އޮޕަރޭޝަން ފަށަން ފުލުހުންނަށް މަޖުބޫރުވީ، އެ ރަށަށް ނިސްބަތްވާ އިސްމާއީލް ހައްމާދަށް ދޯންޏެއް މަތީ ވަޅިން ހަމަލާދީ ކަނޑަށް އެއްލައިލި ހާދިސާއަށްފަހު ތިލަވެގެން ދިޔަ ހަރުކަށި ފިކުރުމުގެ ޖަމާއަތްތަކުގެ ބިރުވެރި ވާހަކަތަކުން އެވެ.

އެ ރަށުގެ މީހުން ބުނާ ގޮތުގައި، މަޑުއްވަރީގައި ހަރުކަށި ފިކުރު މޫލަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެރަށުގެ ރައްޔިތުންނާ ނުގުޅޭ އަދި ވަކިވެގަނެގެން އުޅޭ ތަފާތު ފިކުރެއްގެ ގުރޫޕެއް އެ ރަށުގައި އުޅޭކަން ރަށު އެންމެން ވެސް ދަނެ އެވެ. ރަށު މީހުން ބުނާ ގޮތުން، އެ ފިކުރު ދުން ޖަހާފައި އެ ރަށުގައި ފެތުރިގަތީ މީގެ ދެތިން އަހަރު ކުރިން އެވެ.

މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގައި ފުލުހުން އެ ރަށު ފަޅުގައި އޮތް ދޯންޏެއް ބަލައި ފާސްކުރަނީ: އެ ރަށުން ތިން މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

ހަރުކަށި ފިކުރުގައި ޖެއްސީ އަމީން!؟

ދެހާހުގެ ކުރީކޮޅުގައި މަޑުއްވަރި އަކީ ދީނީގޮތުން އެއްބައިވަންތަ، އަދި އެކުވެރި ރައްޔިތަކު ދިރިއުޅެމުން ދިޔަ ރަށެކެވެ. ނަމަވެސް މަޑުމަޑުން އެ އެއްބައިވަންތައްކަން ނެތެމުން ދިޔައީ އެރަށަށް ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން އަރުވާލި ހިސާބުން ކަމަށް އެރަށު ބައެއް މީހުން ގަބޫލުކުރެ އެވެ.

އަމީން އަކީ ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެކެވެ. އަމީން އެރަށަށް އަރުވާލީ ބޮން ގޮއްވާލި ހާދިސާގެ ކުރިން އެހެން މައްސަލައެއްގަ އެވެ. އެހެންކަމުން އެރަށުގައި ހަރުކަށި ފިކުރު ފެތުރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް އެރަށު ބައެއް މީހުން ތުހުމަތު ކުރެ އެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުގައި އަމީން އަރުވާލާފައި ހުރި ދުވަސްވަރު އޭނާ ދިޔައީ، "ތަފާތު" ވާހަކަތަކެއް މީހުންނަށް ވިސްނައިދީ އެ މީހުންގެ ބޮލަށް ސަވާރުވަމުންނެވެ. އޭނާގެ ދަލުގައި އެ ރަށު މީހުން ޖެއްސީ ކަމަށް މަޑުއްވަރީ މީހުން ބުނެ އެވެ.

އަމީން އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ ހަމައެކަނި ދިވެހި މީހާ އެވެ.

އަމީން އާ ބެހޭ ގޮތުން އެމެރިކާއިން ބުނެފައި ވަނީ އޭނާ އަކީ އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެއް ކަމަށެވެ. އެގޮތުން ފައިސާގެ އެހިތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރީ ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގަ އެވެ.

އޭނާގެ މައްޗަށް މިހާރު ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން މަޑުއްވަރީގައި ހަރަކާތްތެރިވަނީ -- ފޮޓޯ/ ޕޮލިސް މީޑިއާ

ހަރުކަށި ފިކުރުގެ ބޮޑު "ކޭމްޕެއް"

މަޑުއްވަރީގައި ހަރުކަށި ފިކުރު އޮތީ ނުރައްކާ ދަރަޖައަކަށް ވަކި ހިއްޕާލައިފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި، ހަރުކަށި ފިކުރުގެ މީހުން އޮޕަރޭޓް ވަނީ ވަރަށް ރޭވިގެންނެވެ. އެމީހުންގެ ފިކުރު ފަތުރަނީ ސްކޫލަށްދާ އުމުރުގެ ކުދިންގެ ވިސްނުމާ ކުޅެ، އެކުދިން މެދުވެރިކޮށެވެ.

"ސްކޫލުގައި އުޅޭ ކުދިން ބޭނުންކޮށްގެން ފިކުރު ފަތުރަނީ، އެކުދިންގެ ސިކުނޑިތައް ދޮވެ، މެނިޕިއުލޭޓްކޮށްގެން،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މަޑުއްވަރީގެ ޝައްކު ކުރެވޭ ގެތަކަށް ފުލުހުން ވަންނަނީ -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

ހަރުކަށި ފިކުރު ފެތުރުމުގެ ސީދާ މުގުލުގައި ތިބީ ކޮން ބައެއްކަން އެރަށު މީހުންނަކަށް ވެސް ނޭނގެ އެވެ. އެއީ، އެރަށު ރައްޔިތުންނަށް ނޭނގޭ ބޮޑު ކަންތައްގަނޑެކެވެ. އެއީ އެ ކުޑަ މުޖުތަމައުގެ ތެރޭގައި އުފެދިފައި އޮތް، އަޑި ނޭނގޭ ވަކި ގްރޫޕެެކެވެ. އެ ގުރޫޕް ފޮރުވިގެން ހަރަކާތްތެރިވާތީ، އެ ރަށު މީހުން ވެސް ތިބެނީ އެއީ ނުފެންނަ ކަމަކަށް ހަދައިގެން އެވެ. ބައެއް މީހުން އެ ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. އެ މީހުން ދެކެ ރަށު މީހުން ބިރުގަނެ އެވެ. ސަބަބަކީ، އެ މީހުން ކޮށްފާ ނުކުރާނެ ކަމެއް ބުނަން ވެސް ނޭނގޭތީ އެވެ.

ސީސީޓީވީ ކެމެރާ ހަރުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް، ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭ ހަތަރު ގެއެއް އެރަށުގައި އެބަހުއްޓެވެ. އެ ގެތަކުގައި ދިރިއުޅެނީ ކޮން ރަށެއްގެ، ކޮން ބައެއްކަން ވެސް ސާފެއް ނޫނެވެ. އެކި ރަށްރަށުން އެ ގޭގެއަށް ދޭތެރެ ދޭތެރެއިން މީހުން އައިސް ގޮސްވެ އެވެ. އެ މީހުން އެ ގޭގެއަށް އައިސް އެގެތަކުގައި ދުވަސްގަނޑެއްގައި މަޑުކޮށްގެން ތިބެނީ ކީއްވެކަން ބުނަން އެނގޭ މީހަކު އެ ރަށަކުވެސް ނެތެވެ.

ރ. މަޑުއްވަރި

އެގޭގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިން ގޭން ބޭރަކަށް ނުނެރެ އެވެ. އެ މީހުން ދުވާލެއްގެ 24 ގަޑިއިރު ހޭދަކުރަނީ ހަތަރު ފާރު އެތެރޭގަ އެވެ. މި ބަންދު ދޮރުުތަކުގެ ފުރަގަހުގައި ހިނގާ ކަންތައްގަނޑެއް ނޭނގެ އެވެ.

ރަށުގައި އުޅޭ މި ތަފާތު ހަރުކަށި ފިކުރުގެ މީހުން އެރަށުގައި ހުންނަ މިސްކިތްތަކަކަށް ނާރަ އެވެ. ނަމާދުކުރަނީ ވަކިން ޖަމާއަތް ހަދައިގެން ވަކި ތަނެއްގަ އެވެ. އެ މީހުން އުޅެނީ އަމިއްލައަށް މިސްކިތް ހަދައިގެންނެވެ.

މި ފިކުރުގެ މީހުންގެ ދަރިން ސްކޫލަކަށް ނުފޮނުވަ އެވެ. އެއީ އެ މީހުންނަށް މަނާކެމެކެވެ. އެކުދިންނަށް ވިސްނައިދީފާ އޮންނަނީ "ކުލަ ކުލައިގެން ޝޯލް އެޅި މީހުން"ގެ ވާހަކަތައް ގަބޫލު ނުކުރުމަށެވެ. މިއީ އެކުދިންގެ އަނގައިން ބުނެފައި ހުރި ވާހަކަތަކެވެ.

ރާއްޖޭގެ ގާނޫނުތަކަކީ ފާސިދު އެއްޗެއް ކަމަށް ގަބޫލުކުރާ މި މީހުންގެ ތެރޭގައި ކުޑަ އަންހެން ކުދިންނާ ކައިވެނީގެ ނަމުގައި ގުޅި، އެ ކުދިން ޖިންސީ ޝިކާރައަކަށް ހަދައިގެން އުޅޭ މީހުން ވެސް ގިނަ އެވެ. ހައްމާދަކީ ވެސް އޭގެ މީހެއް ކަމަށް ތުހުމަތުކުރެ އެވެ. އަދި ވަރަށް ފަހުން އެ އަތޮޅު އެހެން ރަށެއްގެ ކުޑަ އަންހެން ކުއްޖަކު ވެސް އެ ފިކުރުގެ މީހަކާ "ކައިވެނި" ކުރަން މަޑުއްވަރީއަށް އައި ކަމަށްވެ އެވެ. މި މީހުން އަމިއްލައަށް ހަދައިގެން އުޅޭ "ކޯޓަކުން" ކައިވެނިތައް ކޮށްދީ ހުކުމްތައް ވެސް އިއްވަނީ އެވެ.

މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

އެނގިފައިވާ ގޮތުގައި މި ހަތަރު ގެއަކީ ހަރުކަށި ފިކުރު އާލާކޮށް، ފަތުރާ ކޭމްޕްތަކެކެވެ. އެ މީހުންނާ ގުޅެން ކައިރި ރަށްރަށުން ވެސް އެރަށަށް މީހުން އާދެ އެވެ. އަދި އެ ގޭގޭގައި ތިބުމަށް ފަހު އެ މީހުން ދަނީ އެ ފިކުރަށް ބައިއަތު ހިފައިގެންނެވެ. ދެން އެ މީހުން އެނބުރި ދާ ރަށްރަށުގައި އެ މީހުން އުގެނުނު ފިކުރު ފަތުރަނީ އެވެ.

ކޯޓް އަމުރުވެސް ހޯދައިގެން ފުލުހުންނާއި ސިފައިން މި "ކޭމްޕް"ތަކުގެ ތެރެއަށް ވަންނަމުން ދާއިރު، އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުންގެ ސީރިއަސް އޮގަނައިިޒްޑް ކްރައިމް ޑީޕާޓްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް މުހައްމަދު ބަޝީރު ވިދާޅުވީ އެ ފިކުރުގެ މީހުން އުޅެމުންދާ ކަމަށް ތުހުމަތުވާ ހަ ގެއެއް ފުލުހުން މިހާރު ރެއިޑްކޮށްފައިވާ ކަމަށެވެ.

އެ ތަންތަނުން ހެކީގެ ގޮތުގައި އިލެކްޓްރޯނިކް އާލާތްތަކާއި، އެ މީހުން އަމިއްލައަށް ހަދައިގެން އުޅޭ "ކައިވެނި" ސެޓްފިކެޓެއް ވެސް ހޯދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް އެ އޮޕަރޭޝަން ގެންދާނެކަން ފާހަގަ ކުރައްވަމުން، އެ "ގުރޫޕުން" ގެންގުޅޭ ބައެއް ފިކުރުތަކުގެ ތަފްސީލު ދެއްވަމުން ބަޝީރު ވިދާޅުވީ، މަޑުއްވަރީގައި ވަކި ގުރޫޕު ހަދައިގެން އުޅޭ ފިކުރުގެ މީހުން ގަބޫލު ކުރަނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށެވެ. އަދި އެ ގުރޫޕަށް "ބައިއަތު ނުހިފާ" އެންމެންގެ މުދަލާއި ފުރާނަ އެ މީހުން ހުއްދަކޮށްގެން ތިބި ކަމަށް ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ގުރޫޕުން ވަނީ އެ މީހުންގެ ފިކުރުގައި މީހުން ޖައްސައި އެ މީހުންގެ ދަރިންނާއި ބައެއް ކުޑަކުދިން ކިޔެވުމުން މަހުރޫމްކޮށް ވެކްސިން ދިނުން މަނާކުރުވައި އަދި 18 އަހަރު ނުފުރޭ އަންހެން ކުދިން ޖިންސީ ގޮތުން ޝިކާރައަކަށް ހަދައިފަ އެވެ.

މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

"މި މީހުން ގަބޫލު ކުރާ ގޮތުގައި، ޝަރުއީ/ ގާނޫނީ އިމުން ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން، އަބިންގެ ގޮތުގައި ގެންގުޅުމާއި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެއް،" ބަޝީރު ވިދާޅުވި އެވެ.

"އެ ރަށުގައި ކުޑަ ކުދިންނަށް ވެކްސިން ނުދިނުމާއި ތައުލީމުން މަހުރޫމްކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ،"

ބޮމެއް ހަދައި ގޮއްވާލަން ވެސް އުޅުނު!

މިދިޔަ އަހަރުގެ އީދުގައި މަޑުއްވަރީގައި އީދު ކުޅިވަރު ކުޅޭތީ ހަރުކަށިފިކުރުގެ މީހުން ވަނީ ބޮމެއް ހަދައި ގޮއްވާލާނެ ކަމުގެެ އިންޒާރުވެސް ދީފަ އެވެ.

އެ އިންޒާރާ ގުޅިގެން އެ ފަހަރު ފުލުހުންނާއި ސިފައިން ވަނީ އެރަށަށް ގޮސް ފޯރިމަރައިފަ އެވެ. އީދު ކުޅިވަރު ބާއްވަން ޖެހުނީ ފުލުހުން ސަލާމަތީ ކަންކަން ވަރުގަދަކޮށްގެންނެވެ.

"އެމީހުން ގަބޫލުކުރަނީ މުއުމިނުން ފިޔަވައި އެހެން ކޮންމެ މީހެއްގެ ލޭ ހުއްދަ ކަމަށް، އަދި މުއުމިނުންގެ މުދާ ފިޔަވާ އެހެން މުދަލަކީ ޣަނީމާ މުދާ ކަމަށް،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

މިވަރު ވީއިރު ފިޔަވަޅެއް ނޭޅުނީ ކީއްވެ؟

މަޑުއްވަރީގައި ހިނގަމުން އަންނަ ކަންތައްތައް މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސްފައި މިވަނީ ހައްމާދަށް ދިން މަރުގެ އެތިފަހަރުގެ ސަބަބުންނެވެ. އެއާއެކު އޭނާގެ ދަރިއަކަށް، ކުޑަ އަންހެން ކުއްޖަކު ބަލިވެ އިނދެ ވިހެއި ވާހަކަ އާއި، އެމީހުން ލަނޑާ ނެގުމުގެ ނަމުގައި ރިސޯޓުތަކުން ވައްކަން ކުރަމުންދާކަން ވެސް "ސަން" އިން ވާނީ ފަޅާއަރުވާލައިފަ އެވެ.

މި ނެޓްވޯކު މިހާ ފުޅާވެ އެމީހުންގެ ނުރައްކާ އިންތިހާއަށް ބޮޑުވެގެން ދިޔައިރު އެއްވެސް ބަޔަކަށް ނުހިފެހެއްޓުނީ ކީއްވެ ހެއްޔެވެ؟ ބިރުވެރި ކަމެއްގައި ތިބި އެރަށު ރައްޔިތުން މިއަދު ކުރަނީ މި ސުވާލެވެ.

"ޖެންޑާއަށް ވެސް އެކި ފަހަރު މަތިން ރިޕޯޓުކުރި. ކައިވެނީގެ ވާހަކައާ ކުދިން ސްކޫލަށް ނުފޮނުވާ ވާހަކަތައް. އެކަމަކު އަސްލު މިކަމަކަށް އިސްކަމެއް ނުދިން،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހައްމާދަށް ހަމަލާދީން މީހާ މިހާރު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. މިއީ އޭނާ މީހަކަށް ހަމަލާދިން ފުރަތަމަ ފަހަރު ނޫންކަން ވެސް ވަނީ އެނގިފަ އެވެ. އޭގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ މާރާމާރީ ހިންގައި މީހުންނަށް ހަމަލާދީފަ އެވެ. ނަމަވެސް ދެ ފަހަރުވެސް އޭނާ ދޫކޮށްލީ އޭނާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ބަލައިފަ އެވެ.

"އޭނަ އަތުގައި އެކަހަލަ މައްސަލައެއް ހުންނަ ކަމަށް ބުނެ ޑޮކްޓަރުން ދީފަ އޮންނަ ލިޔުމެއް އޮވެޔޯ. އެހެން ވެގެން އޭނާ ދޫކޮށްލާފައި ހުންނަނީ. އެކަހަލަ މައްސަލައެއް ހުރެ ނުރައްކާ މީހަކަށް ވަންޏާ އޭނައަށް ފަރުވާ ދޭނީ ދޯ؟ އާންމުންގެ ތެރެއަށް ދޫކޮށްލާފަ ނޫން ދޯ ބަހައްޓާން ވާނީ، އެކްޝަން ނުނެގި އުޅެނިކޮށް ތިންވަނަ މީހެއް ގަޔަށް ވަޅި ޖެހީ މި،" އެމީހާ ބުންޏެވެ.

މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަން --- ސަން ފޮޓޯ

ހައްމާދަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އޭނާ އަކީ ރަށު ކައުންސިލްގެ ތިޖޫރީ ވަގަށް ނަގައިގެން އަދި ޖަލަށް ވެއްދުން މަނާ އެއްޗެހިތަކެއް ވައްދަނިކޮށް ވެސް ހިފެހެއްޓި މީހެކެވެ.

މިހާރު ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެކެވެ.

ގެތައް ބަލައި ފާސްކުރުމުގެ އިތުރުން، ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހޯދާ ދެނެގަނެ، މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު މަޑުއްވަރިން ވަނީ ހައްޔަރުކޮށްފަ އެވެ.

މިހާރު ސުވާލަކީ މަޑުއްވަރީ ގޮތަށް، ހަރުކަށި ފިކުރުގެ ކޭމްޕްތައް ހުރި ކިތައްކިތައް ރަށް އެބަހުރި ހެއްޔެވެ؟

comment ކޮމެންޓް