ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދިއްޖެ

ކުރީގެ ރައީސް ޔާމީން: މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ރައީސް ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ވަނީ އެދިފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.

އެކަން ހާމަކޮށް ރައީސް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ބެއިލް (ކަފާލާތް) އަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ އެފަދަ ހައްގުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީނަށް ވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ހުށަހަޅާފައިވަނީ އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅިއިރު އެވެ.

ހައި ކޯޓުގެ ގަވާިއދުގައިވާ ގޮތުން ދަށުކޯޓަކުން ހުކުމްކޮށްފައިވާ މީހަކު، ނުވަތަ ހައިކޯޓުން ހިންގާ ގަޒިއްޔާއެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު، ހައިކޯޓުން ގަބޫލު ކުރާފަދަ ކަފާލަތެއް ހުށަހަޅައިފިނަމަ، ހައިކޯޓުން އެމައްސަލައަކާ މެދު ނަޒަރު ހިންގުމުގެ ތެރޭގައި، ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ ހައިކޯޓުގެ އިހްތިޔާރުގައިވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވަ އެވެ. އަދި ވިދާޅުވަމުން ގެންދެވީ އެއީ ކެމްޕޭން ފައިސާގެ ގޮތުގައި އެކިއެކި ފަރާތްތަކުން އެމަނިކުފާނަށް ދިން ފައިސާ ކަމަށާއި އެ ފައިސާ ބެލެހެއްޓީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.

comment ކޮމެންޓް