ކޮން މެސީއެއް! އަހަރުމެންގެ ވެސް ހަތިޔާރު އެބަހުރި: ޒިދާން

ރެއާލް މެޑްރިޑްގެ ތާރިޙުގައި ވެސް އެންމެ ކާމިޔާބު ކޯޗު، ޒައިނުއްދީން ޒިދާން --- ފޮޓޯ/ ޖޯ ރައިޓް

ފުޓުބޯޅައިގެ އެންމެ ވަރުގަދަ ކުރިމަތިލުން، އެލްކުލެސިކޯގެ ވާދަވެރި މެޗު މިރޭ ކުޅޭ އިރު ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ހުރުމުން ޖެހިލުން ނުވާ ކަމަށާއި ރެއާލް މެޑްރިޑުގައި ވެސް ހަމަ އެފެންވަރުގެ ހަތިޔާރު އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި ޒަމާނުންސުރެއް މަގުބޫލް ދެ ކުލަބުކަމަށްވާ ރެއާލާއި ބާސާ ބައްދަލު ކުރާ މެޗަކީ އަބަދު ވެސް ފޯރިގަދަ އެތަކެއް ޑްރާމާތަކެއް ހިނގާ މެޗެކެވެ. ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުނު ހަތް ކުލެސިކޯގައި ވެސް ރެއާލަށް ކުރި ހޯދިފައި ނުވާ އިރު ބާސެލޯނާ ވަނީ ބޮޑެތި ސްކޯލައިންތަކަކުން މޮޅުވެފަ އެވެ.

މިރޭގެ މެޗަށް ދެ ޓީމުން ވެސް ފުރިހަމައަށް ތައްޔާރުވަމުން އަންނަ އިރު ދެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ފޯވާޑް އެޑެން ހަޒާޑާއި މާކޯ އެސެންސިއޯ އަނިޔާގެ ސަބަބުން މިރޭ ނުކުޅެވޭ އިރު ބާސެލޯނާގެ އުސްމާން ޑެމްބެލޭ ވެސް ހުރީ އަނިޔާގަ އެވެ. ނަމަވެސް ދެ ޓީމާއި ވެސް އަލަށް ގުޅުނު ބައެއް ކުޅުންތެރިން މިރޭގެ މެޗުގައި ޑެބިއުޓް ކުރުމަށް ފުރުސަތު ލިިބޭނެ އެވެ. އެގޮތުން ރެއާލްގެ ރޮޑްރީގޯއާއި ބާސެލޯނާގެ އެންޓޮއިން ގްރީޒްމަން އަދި ފްރެންކީ ޑެ ޔޮންގް ހިމެނެ އެވެ.

ބާސެލޯނާ އަދި ރެއާލް ވެސް މިރޭގެ މެޗާ ކުރިމަތިލާ އިރު އޮތީ ރަނގަޅު ފޯމެއްގަ އެވެ. ރެއާލުން އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް ބަލިނުވެ އައި އިރު ބާސެލޯނާގެ އެޓޭކް ލައިންގެ ގުޅުން އޮތީ ވަރަށް ވަރުގަދަކޮށެވެ. އެހެން ކަމުން މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރި ގަދަ މެޗަކަށް ވެގެން ދާނެ އެވެ.

"ހަގީގަތުގައި ފުޓުބޯޅައިގެ ވާނެގޮތެއް ބުނާކަށް ނޭނގޭނެ. މެޗަށް ދެ ޓީމުން ވެސް އަރާނީ 11 ކުޅުންތެރިންނާ އެކު، އުންމީދަކީ އެގޮތަށް އޮވެ މެޗު ނިންމާލުން،" މެޗުގެ ކުރިން ދިން ޕްރި މެޗު ކޮންފަރެންސްފައި ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ.

ޒިދާން ބުނީ މިރޭގެ މެޗަކީ ވަރަށް މުހިއްމު މެޗެއް ކަމަށެވެ. އަދި ބާސެލޯނާގެ މެސީ އަކީ މި މެޗުތަކުގެ ތަޖުރިބާ ހުރި ކުޅުންތެރިޔެއް ކަމަށާއި ވޭތުވެ ދިޔަ އަހަރުތަކުގައި އޭނާ ރެއާލަށް ދެރަތަކެއް ދިން ކަމަށެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި އެކަން ފެނުނަ ނުދޭނެ ކަމަށެވެ.

"މެސީ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް. އޭނާ އަންނަނީ އަދި ވެސް އެކަން ސާބިތުކޮށްދެމުން. މިރޭގެ މެޗަށް ނުކުންނާނީ އެކަން ދެނެގެން. އަހަރަމެންގެ ޓީމުގައި ވެސް އެކަހަލަ ބައިވަރު ހަތިޔާރު އެބަހުރި. ފޯރިގަދަ މެޗަކަށް ވެގެންދާނެ."

ބާސެލޯނާ އާއި ރެއާލް މެޑްރިޑް މިރޭ ބައްދަލު ކުރާ ފޯރި ގަދަ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. އެ މެޗަށް ނުކުންނަ އިރު ދެ ޓީމު ވެސް އޮތީ 35 ޕޮއިންޓާ އެކު އެއްވަރުވެފަ އެވެ.

comment ކޮމެންޓް