ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ސިޓީއާއި ރެއާލް ކުރިމަތިލަނީ

2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ : އޭޕީ

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރު ނުވަތަ ފަހު 16ގައި މުބާރާތުގެ ގިނަ ބައެއްގެ ތެރޭގައި މަގުބޫލު މެންޗެސްޓާ ސިޓީ އާއި އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ވާދަކުރަން ޖެހިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ރެއާލް އާއި ސިޓީއާ ދެމެދުގައި ވަނީ ހަތަރު މެޗެއް ކުޅެފައެވެ. އެއިން އެއްވެސް މެޗެއްގައި ސިޓީ މޮޅުވެފައި ނުވާއިރު ދެ މެޗެއްގައި ވަނީ އެއްވަރުވެފައެވެ.

ޖެހިޖެހިގެން ތިން އަހަރު ވަންދެއް ޗެމްޕިއަންސް ލީގުގެ ތަށި ނަގަމުން ދިޔަ ރެއާލްގެ ހަތަރުވަނަ ކާމިޔާބީ ގެއްލުނީ މިދިޔަ އަހަރުގައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި އަޔަކްސް އާ ބައްދަލުކޮށް ރެއާލް ވަނީ ނާކާމީއާ ކުރިމަތިލާން ޖެހިފައެވެ.

ރެއާލްގެ ކޯޗަކަށް މިފަހަރު ޒައިނެދިން ޒިދާން ހުރިއިރު ސިޓީގެ ކޯޗަކަށް ހުރީ ޕެޕް ގާޑިއޯލާއެވެ. ޕެޕް ސިޓީގައި އެންމެ ބޭނުންވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާށެވެ. އެހެންނަމަވެސް ސިޓީ އަދި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ދެން ވާދަކުރާ ޓީމުތަކަށް ބަލާއިރު ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑުގެ މެޗު ފާހަގަކުރެވެއެވެ.

ލިވަޕޫލް އާއި އެތުލެޓިކޯ ވަނީ މީގެކުރީންވެސް ދެ ފަހަރެއްގެ މަތީން ބައްދަލުކޮށްފައެވެ. އެ ދެ މެޗުގައިވެސް ދެ ޓީމު ވަނީ އެއްވަރުވެފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާފައިވާ ޓީމަކީ ލިވަޕޫލެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ އިތުރު ޑްރޯތައް :

ޗެލްސީ – ބަޔާން މިއުނިކް

ޓޮޓެންހަމް – އާރުބީ ލިޕްޒިގް

އެޓްލެންޓާ – ވެލެންސިއާ

ބާސެލޯނާ – ނަޕޯލީ

ޑޯމަންޓް – ޕީއެސްޖީ

ލިޔޯން - ޔުވެންޓަސް

comment ކޮމެންޓް