ޕޮލިސް ކޮމިޝަނަރު ދެއްކެވީ ބިރުވެރި ވާހަކަތަކެއް، ސަމާލުވޭ: މައުމޫން

ޑިސެމްބަރ 7، 2019: މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރެއްވުމަށް މުލިއާގޭގައި ބޭއްވެވި ޚާއްޞަ ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެގައި ހައްދުފަހަނައަޅައިގެން އުޅޭ މީހުންނާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްކެވި ވާހަކަތަކަކީ ބިރުވެރި ވާހަކަތަކެއް ކަމަށާއި އެކަމާމެދު ސަމާލުވާންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންނަށް އާމާޒުކޮށް ކްރޮސް ރޯޑްގައި ބޭއްވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހަމީދު ވިދާޅުވީ ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ މޫ ވަރުގަދަވެ މީހުން މަރާލަން ފަސްނުޖެހޭ ދަރަޖައަށް ކަންތައްތައް ގޮސްފައިވާ ކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ އެފަދަ 1400 އެއްހާ މީހުން މިވަގުތު ރާއްޖޭގައި އެބަތިބި ކަމަށެވެ.

"ރާއްޖޭގައި އައިއެސް ގެ ފަރާތުން ހިންގާ ނިރުބަވެރި [ޓެރަރިޒަމް]ގެ ހަރަކާތް ތަކާ ބެހޭގޮތުން ޕޮލީސް ކޮމިޝަނަރު މިއަދު [އިއްޔެ] ދެއްވީ ވަރަށް ބިރުވެރި މައުލޫމާތު ތަކެއް. މުޅި ގައުމު ސަމާލު ވާން ޖެހޭ،" ކޮމިޝަނަރުގެ އިއްޔެގެ ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ދީނީ ގޮތުން ހައްދު ފަހަނައެޅުމާ ދެކޮޅަށް މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން ހިމަންދޫގައި ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިޔަ ބައެއް ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ އުފުލި އެވެ. އަދި ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުވާ މީހުން ހައްޔަރުކޮށް ތަހުގީގުތައް ހިންގަމުން ދިޔަ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ ނެޝެނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން ބުނީ ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހުންގެ ތެރެއިން މިހާރު ދިރިތިބީ 81 މީހުން ކަމަށާއި އޭގެ ތެރެއިން 73 މީހުންނަކީ، އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

މީގެ އިތުރުން ހަރުކަށި ފިކުރުގައި ޖެހިފައިވާ މީހުންގެ އެންމެ ބޮޑު ގަބޫލު ކުރުމަކީ، އެ ފިކުރު ގަބޫލު ނުކުރާ މީހުންނަކީ ކާފަރުން ކަމަށް ދެކި އެ މީހުންގެ މުދަލާ ލޭ ހަލާލުކުރުން ކަމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުންޏެވެ. އަދި އެގޮތުން ވައްކަން ކުރުމާއި މުދާ ފޭރުން ހުއްދަ ކުރާ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީ ގަބޫލު ނުކުރުމާއި ދަރިން ސްކޫލަށް ނުފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރުން ފަދަ ކަންކަން އެ ފިކުރުގެ މީހުން ކުރަމުން އަންނަ ކަމަށް ވެސް ހާމަވެފައިވެ އެވެ.

ހަރުކަށި ފިކުރާމެދު ސަމާލުވުމަށް މައުމޫން ގޮވާލެއްވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ހަރުކަށި ފިކުރާ ކުރިމަތިލައި، މައްސަލައަށް ހައްލު ހޯދުން ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ދަތި އުނދަގުލުން ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވައިފި އެވެ.

comment ކޮމެންޓް