ބޯއިންގެ 737 މެކްސް އުފެއްދުން އަންނަ މަހު ހުއްޓާލަނީ

ބޯއިންގެ 737 މެކްސް މަރުކާގެ ދެ ބޯޓު ވަނީ މިދިޔަ އަހަރާއި މި އަހަރު ތެރޭ ވެއްޓިފައި -- ފޮޓޯ: ބްލޫމްބާގް

ވޮޝިންޓަން (ޑިސެމްބަރު 17): ބޯއިން ކުންފުނިން އަންނަ މަހުން ފެށިގެން، 737 މެކްސް މަރުކާގެ ބޯޓުތައް އުފެއްދުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

ބޯއިން އިން އެފަދައިން ބުނީ 737 މެކްސް މަރުކާގެ ދެ ބޯޓު މިދިޔަ އަހަރާއި މިއަހަރު ތެރޭ ވެއްޓުމާ ގުޅިގެން، މިދިޔަ މާޗް މަހުގެ ފަހުން އެ ބޯޓުތައް ބޭނުން ކުރުން ހުއްޓާލި ފަހުންނެވެ. އަދި އަންނަ އަހަރުގެ ކުރިން 737 މެކްސް ބޭނުން ކުރަން ހުއްދަ ނުދޭން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މިދިޔަ ހަފްތާގައި ނިންމުމުންނެވެ.

"މެކްސް ބޭނުން ނުކުރެވޭ ދުވަސްތައް އިތުރުވާ ނަމަ އެބޯޓުތައް އިތުރަށް އުފެއްދުމާ ބެހޭ ގޮތުން ގޮތެއް ނިންމާނެކަން އަޅުގަނޑުމެން ވާނީ ކުރިން އިއުލާންކޮށްފައި. އަދި މިހާރު އަޅުގަނޑުމެން ވަނީ އެބޯޓުތައް އުފެއްދުން އަންނަ މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާ، މިހާތަނަށް އުފައްދާފައިވާ ބޯޓުތައް ޑެލިވާ ކުރަން އިސްކަން ދިނުމަށް ނިންމާފައި،" ބޯއިން ކުންފުނީގެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑޮނޭޝިއާގެ ލަޔަން އެޔާއިން ބޭނުން ކުރަމުންދިޔަ 737 މެކްސްއެއް ވެއްޓުމުގެ ސަބަބުން ބޯޓުގައި ތިބި 189 ފަސިންޖަރުންނާއި ކުރޫ މަރުވި އެވެ. އަދި މިދިޔަ މާޗް މަހު އިތިއޯޕިއާގައި ހަމަ އެ މަރުކާގެ ބޯޓެއް ވެއްޓި، 157 މީހުން މަރުވި އެވެ.

އެ ދެ ހާދިސާ ހިނގި ކަމަށް ބެލެވެނީ މެކްސްގައި ހުރި ސޮފްޓްވެޔާ މައްސަލައެއްގެ ސަބަބުން ކަމަށް ކަމާ ބެހޭ މާހިރުން ބުނެ އެވެ. އަދި އޭގެ ފަހުން ބޯއިންއަށް ވަނީ ނުވަ ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފަ އެވެ. އެކުންފުނިން ދަނީ މެކްސްގައި ހުރި މައްސަލަތައް ހައްލުކޮށް، އެބޯޓު އަނެއްކާ ވެސް ބޭނުން ކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް