ވައިކަރަދޫ އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ އޮތީ ވެންޓިލޭޓަރުގައި

ހދ. ވައިކަރަދޫ ---

މިރޭ ހދ. ވައިކަރަދޫގައި އެކްސިޑެންޓެއް ހިނގައި ހާލު ސީރިއަސްވި މީހާއަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ 19:01 ހާއިރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އެކަކުގެ ބޯ ފަޅައިގެންގޮސް ހާލު ސީރިއަސްވެގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ސީރިއަސް އަނިޔާ ވެފައިވަނީ އުމުރުން 48 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ދެން ހިމެނެނީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. އޭނާ އަށް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ އަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުއްޓަށް ގެންދިޔުމަށް މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ދެ ސައިކަލުގައި ތިބި ދެ މީހުންގެ އަތުގައިވެސް ލައިސަންސް ނެތް ކަމަށެވެ. ވައިކަރަދޫ ގައި އެކްސިޑެންޓެއް ވެފައިވާއިރު އެރަށަކީ ފުލުހުން ނުތިބޭ ރަށެއް ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ހާލު ސީރިއަސްވި 48 އަހަރުގެ މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށާއި އެނާގެ ހާލު "ވަރަށް ކްރިޓިކަލް" ކަމަށެވެ.

"މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން މިދަނީ. ސީޓީ ސްކޭން އެއް ހެއްދި އިރު ސިކުނޑިއަށް ލޭ އެޅިފައިވާކަން ފާހަގަވެފައިވޭ" ހޮސްޕިޓަލުން ވާހަކަ ދެއްިކި އޮފިޝަލަކު "ސަން" އަށް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ވީހާވެސް އަވަހަކަށް އޭނާ މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް