ކުލަ ލައިދިނުމުގެ ހިދުމަތް ދެނީ އެކަންކުރާނެ ކުންފުންޏެއް ހޯދައިގެން: އެސްޓީއޯ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު -- ސަން ފޮޓޯ/ މުޒައިން ނާޒިމް

އެސްޓީއޯ އިން ވިއްކާ ނިޕޯން ޕެއިންޓު ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ދެނީ އެ މަސައްކަތް ކުރާނެ ދިވެހި ކުންފުންޏެއް ހޯދައިގެން އެ ކުންފުނި މެދުވެރިކޮށް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން އިއްޔެ ވަނީ އެކުންފުނިން ކުލަ ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ދޭން ފަށައިފައެވެ. އެއާއެކު އެންމެ ބޮޑު ފާޑުކިޔުމަކަށްވީ ކުދި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް އެސްޓީއޯ އިން ބޭނުންކުރާ ކަމަށް ބުނެ ކީ ފާޑުކިޔުންތަކެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯ އިން ކުރިންވެސް ކުލަ ވިއްކުމުގެ މަސައްކަތް ކުރާ ކަމަށާއި، ކުލަ ލައިދިނުމުގެ ހިދުމަތް ދޭން އެސްޓީއޯ އިން ފެށީ އެ މަސައްކަތް ކުރާނެ ކުންފުންޏެއް ހޯދަން އިއުލާނުކޮށް، ކުންފުންޏެއް ނެގުމަށްފަހު އެ ކުންފުނީގެ ފަރާތްތަކަށް ސިންގަޕޫރުގެ އެކްސްޕާޓުން ގެނެސްގެން ތަމްރީނު ދީގެން ކަމަށެވެ.

"އެސްޓީއޯ އިން ކުލަ ގަތުމުން އެ ކުޑަ ކުންފުންޏަށް ފައިސާ ލިބޭނެ ގޮތަށް ކުލަ ލައިދެވޭނެ އިންތިޒާމެއް ވަނީ ހަމަޖައްސާފައި. މިކަމުގެ ސަބަބުން ކުލަ ލުމުގެ މަސައްކަތް ކުރަމުންދިޔަ ކުޑަ ވިޔަފާރިއަކަށް މަސައްކަތް ލިބި އާމްދަނީ އިތުރުވެގެންދާނެ،" އަމްރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން މިހާރު ކަން ހިނގާގޮތަކީ ކޮޓަރީގައި ކުލަ ލާންވެގެން ކުލަ ގަތުމަށްފަހު ކުލަ ލުމަށް ބޭރު ބަޔަކާ ހަވާލު ކުރަނީ ކަމަށާއި ނަމަވެސް އެސްޓީއޯ އިން ކުރަންފެށި ކަމަކީ ދިވެހި ކުލަލާ ގްރޫޕަކަށް ނިޕޯން ކުންފުނިން ކުލަ ލާން ދަސްކޮށްދީ، ކަސްޓަމަރުން ކުލަ ގަތުމުން ކުލަ ލާ ގްރޫޕަށް މަސައްކަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ވާދަ ކުރުމުން ދުރުވުމަށް އެސްޓީއޯ އިން މަސައްކަތް ފަށާފައިވާ ކަމަށެެވެ. އެގޮތުން އިލެކްޓްރޯނިކްސް ގެ ވިޔަފާރި ކުރުން އެސްޓީއޯ އިން ހުއްޓާލާފައިވާ ކަމަށާއި އެސްޓީއޯ ސުޕަމާޓުގެ ރީޓެއިލް ޝެލްފުތައް ވެސް އެކި ފަރާތްތަކަށް ކުއްޔަށް ދެމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

"ކުއްލިއަކަށް ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓާލުމުން އެތައް ބަޔެއްގެ ވަޒީފާ ގެއްލިގެންދާނެ. އެއީ އެއްގޮތަކަށްވެސް ސަރުކާރުގެ ސިޔާސަތެއް ނޫން،" އަމްރު ވިދާޅުވިއެވެ.

comment ކޮމެންޓް