ކަނޑައެޅިފައިވާ ގޮތަށް މައުލޫމާތު އާންމުކުރަން: ޑީޖޭއޭ

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރަމުންދާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މައުލޫމާތު ހޯދާ ލިބިދަތުމުގެ ގާނޫނުގެ ދަށުން އާންމުކުރަންޖެހޭ މައުލޫމާތު ހާމަކުރުމުގައި އެންމެ ފަހަތުގައި އުޅެނީ ޝަރުއީ ދާއިރާ އިން ކަމަށް އިންފޮމޭޝަން ކޮމިޝަނަރާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ ހަގީގަތާ ހިލާފަށް ކަމަށެވެ.

އެގޮތުން އެ ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު ޝަރުއީ ދާއިރާ އިން އެންމެ ފަހުން ހުށަހަޅާފައިވަނީ 2014 ގައި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވީނަމަވެސް، އެ ރިޕޯޓު ޖެމްސް މެދުވެރިކޮށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

އެ ބަޔާނުގައި ބުނީ ޝަރުއީ ދާއިރާގެ ކޯޓުތަކުގެ އިދާރީ ކަންކަމާއި ތަފާސްހިސާބުގެ މައުލޫމާތު ބަލަހައްޓަމުން ދަނީ އެ ޑިޕާޓުމެންޓުން ކަމަށާއި ޝަރުއީ ދާއިރާ އިން އެއް އިންފޮމޭޝަން އޮފިސަރު ކަނޑައަޅައި ގާނޫނުގެ ދަށުން އެކުލަވަލަންޖެހޭ މުރާޖައާ ކޮމެޓީވެސް 2014 ވަނަ އަހަރު އެކުލަވާލާފައިވާނެ ކަމަށެވެ.

އަދި ޝަރުއީ ދާއިރާ އިން ހުށަހަޅަންޖެހޭ ރިޕޯޓު އީމެއިލް ނުވަތަ ޖެމްސް މެދުވެރިކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަމުންދާ ކަމަށާއި އެގޮތުން 2016 ވަނަ އަހަރުގެ ރިޕޯޓު 2017 ޖެނުއަރީ 11 ވަނަ ދުވަހު ހުށަހަޅާފައިވާނެ ކަމަށާއި 2017 ވަނަ އަހަރުގެ ރިޕޯޓު ޖެހިގެން އައި އަހަރުގެ ޖެނުއަރީ 17 ގައި އަދި މިދިޔަ އަހަރުގެ ރިޕޯޓު މިއަހަރުގެ ޖެނުއަރީ ނުވަ ވަނަ ދުވަހު ހުށަހަޅާފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ހާމަ ނުކުރުމަށް ޑީޖޭއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް