އާ މަންހަޖާއެކު އެސްއެސްސީ އިމްތިހާނަށް ބަދަލުތަކެއް ގެންނަނީ

ޖެނުއަރީ 14، 2018: ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު، 81،000 ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސާނަވީ ތައުލީމުގެ މަންހަޖަށް އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލާއެކު ސެކަންޑްރީ ސުކޫލު ސެޓްފިކެޓް އިމްތިހާނުތަކަށް ބަދަލުގެންނަން ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެ ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން "ސަން" އަށް ވިދާޅުވީ އެގޮތަށް ބަދަލު ގެންނަން ނިންމާފަިއވަނީ ދިވެއްސާއި އިސްލާމާއި އަދި ގުރުއާން މާއްދާތައް ކަމަށެވެ.

އެގޮތުން ދިވެހި މާއްދާ ޓެސްޓް ހަދާއިރު ކުރިން އަދަބިއްޔާތުގެ ބައި ހިމެނުނު ނަމަވެސް ދެން އެބައި އިމްތިހާނުގައި ނުހިމެނޭނެ ކަަމަށް އިހުސާން ވިދާޅުވި އެވެ. އެހެން ނަަމަވެސް އަދަބިއްޔާތުގެ ބައި އެސައިންޓްމަންޓްތަކުގެ ގޮތުގައި ކުރިއަށްގެންދާނެކަމަށް އިހުސާން ވިދާޅުވިއެވެ.

" ދެން ދިވެހި އިމްތިހާންގައި ނާންނާނެ ޅެމާއި ރައިވަރުގެ ބައިތައް. ހަމައެކަނި އިންނާނީ ލިޔުންތެރިކަމާއި ކިޔުންތެރިކަމުގެ ބައިތައް. އިނގިރޭސި ފަދަ މާއްދާތަކުގައިވެސް އޮންނަނީ މިފަދަ އުސޫލު" އިހުސާން ވިދާޅުވިއެވެ.

އާ މަންހަޖުގެ ދަށުން އިސްލާމް މާއްދާގައިމަލްޓިޕަލް ޗޮއިސްގެ ބައިތަކެއް ހިމަނަން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. މީގެ ކުރިން އިސްލާމް މާއްދާގެ އޯލެވެލް އިމްތިހާނުގައި މަލްޓިޕްލް ޗޮއިސްއެއް ނުހިމެނެ އެވެ.

އޭގެ އިތުރުން ގުރުއާން މާއްދާގައި އެސައިންޓްމަންޓްއަށް 40 ޕަސެންޓް އަދި ޤުރުއާން ކިޔެވުމަށް 60 ޕަސެންޓް ދެވޭގޮތަށްވެސް އިމްތިހާނަށް ބަދަލުގެނެސްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

" ގުރުއާން ކިޔަވަން ޖެހޭނީ ވަކި ބައެއްގެ ކުރިމަތީގައި. އަޅުގަނޑުމެން އެ ކިޔެވުން ރިކޯޑްވެސް ކުރާނެ" އިހުސާން ވިދާޅުވިއެވެ.

comment ކޮމެންޓް