ސަލާމަތީ ބާރުތަކާ މެދު ނަޝީދުގެ ރާގު ބަދަލުކުރައްވައިފި

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ސަލާމަތީ ބާރުތަކުން ރާއްޖެ ރައްކާތެރި ކުރާނެކަމުގެ ޔަގީންކަން ލިބިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަލާމަތީ ބާރުތަކުގެ ތެރޭގައި ތިއްބެވި ބައެއް ފަރާތްތަކުން ހައްދުފަހަނަ އެޅި، އަނދިރި ދައުލަތައް ބައިއަތު ހިފާފައިވާ ކަމަށް ވިދާޅުވެ ނަޝީދު މީގެ ކުރިން ވަނީ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އެހެން ނަމަވެސް، ކައުންސިލަރުންނަށް އަމާޒުކޮށް ރައީސް އޮފީހުން ބޭއްވި "ވިޔަވަތި ރާއްޖެ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންފަރެންސްގެ ތެރޭގައި، ރާއްޖޭގައި ހަނގުރާމަވެރިން އުފެދިގެން އަންނަ ކަމާއި އެ މިލިޓެންސީގެ ސަބަބުން ދިވެހި ދައުލަތަށް ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން ކޮންފަރެންސްގައި މަޝްވަރާ ކުރެވުނު ކަމަށާއި އެއީ ރަނގަޅު ފާލެއް ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ތެރެއިން އެނގިގެން ދިޔަ ކަމަކީ އެކަން ހުއްޓުވަން ސަލާމަތީ ބާރުތަކުން ތައްޔާރަށް އޮތް މިންވަރު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެ މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެންނަށް އިތުބާރު ލިބިއްޖެ. ރާއްޖޭގެ ސަލާތީ ބާރުތައް ތިބީ ތައްޔާރަށްކަމާއި އަދި އެ ބާރުތައް އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ހިފަހައްޓައިދޭނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް އެބައޮތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮންފަރެންސްގެ މިއަދުގެ ސެޝަންގައި ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުު ފުޅާވެގެންދާ މިންވަރާއި އެކަން މިހާރު އޮތް މިންވަރާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން މިހާތަނަށް 173 މީހަކު ރާއްޖެއިން ހަނގުރާމައަށް ސީރިއާ އަށް ގޮސްފައިވާ ކަމަށާއި ހަރުކަށި ފިކުރާ ދެކޮޅަށް ކައުންސިލްތަކުން ކުރެވިދާނެ ކަންތައްތައް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ވަނީ ކައުންސިލަރުންނާ ހިއްސާ ކޮށްފައެވެ.

https://sun.mv/128932

ކޮންފަރެންސް ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވިޔަވަތި ކޮންފަރެންސްގެ ތެރެއިން ރަށްތައް ތަރައްގީ ކުރުމާ ގުޅޭ ހިޔާލުތައް ބަދަހިކުރެވިއްޖެ ކަމަށާއި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކަށް ކައުންސިލަރުން އަހުކުވެރި ކުރުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި ކައުންސިލްތަކަށް ދޭ ބަޖެޓުގެ ތަނަވަސްކަމާއެކު އެ ބަޖެޓު ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް ކޮންފަރެންސް ތެރޭ މަސައްކަތް ކުރެވިއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް