އިންޗަރްލިކް ވައިގެ ބޭސް އެމެރިކާއަށް ނުދީފާނެ ކަމުގެ އިންޒާރު ތުރުކީން ދީފި

ރައީސް ޓަރަމްޕް އަދި ރައީސް އުރުދުޣާން

އަންކަރާ (ޑިސެމްބަރު 16) : ތުރުކީގައި އުޘްމާނީ ޚިލާފަތު އޮތް ދުވަސްވަރު އެ ޚިލާފަތުގެ ދަށުގައި ދިރިއުޅުނު އަރުމީނިޔާ ދަރިކޮޅުގެ މީހުންގެ ނަސްލު ނައްތާލަން މަސައްކަތް ކުރިކަމަށްބުނެ އެމައްސަލާގައި ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ ބިރު އެމެރިކާ ދައްކާތީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެމެރިކާއަށް އިންޒާރެއް ދެއްވައިފި އެވެ.

އުރުދުޣާން ވިދާޅުވީ އެމެރިކާއިން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ އެމެރިކާ ސިފައިން ބޭނުންކުރާ ތުރުކީގެ އިންޗަރްލިކް ވައިގެ ބޭސް ބަންދުކޮށް އެބޭސް ބޭނުންކުރުމުގެ ފުރްސަތު އެމެރިކާއަށް ނުދިނުމަށް ކުޑަކޮށް ވެސް އޭނާ ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގައެވެ. އިންޗަރްލިކް ވައިގެ ބޭހަކީ އެމެރިކާއިން 50 އަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ރައްކާކޮށްފައިވާ ތަނަކަށްވުމުގެ އިތުރުން އެމެރިކާއިން މެދުއިރުމައްޗާއި މެދުތެރޭ އޭޝިޔާގައި ހިންގާ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރާ މައި އަސްކަރީ ބޭހަކީ ވެސް އެތަނެވެ.

މީގެ 100 ވަރަކަށް އަހަރު ކުރިން ތުރުކީގައި އޮތް މުސްލިމުންގެ އެންމެ ފަހުގެ ޚިލާފަތް ކަމަށްވާ އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު އެ ޚިލާފަތުގެ ދަށުގައި ދިރިއުޅުނު އަރުމީނިޔާ ދަރިކޮޅުގެ ނަސާރާއިންނާ ދެކޮޅަށް އުޘްމާނީ ސިފައިން ގަތްލުއާންމު ހިންގައި އެމީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގިކަމަށްބުނެ އެމެރިކާގެ ސެނެޓުން ދާދިފަހުންވަނީ ގަރާރެއް ފާސްކޮށްފައެވެ. މިމައްސަލާގައި ތުރުކީވަނީ އެމެރިކާ ދެކެވަރަށްބޮޑަށް ރުޅިއައިސްފަ އެވެ. އެ ގަރާރު ޓްރަމްޕް ތަސްދީގު ކުރައްވައިފި ނަމަ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާ ސަރުކާރަށް މަޖްބޫރުވާނެ އެވެ. ނަމަވެސް ޓްރަމްޕް އެ ގަރާރު އަދި ތަސްދީގު ކުރައްވައިފައެއް ނުވެއެވެ.

އެންޗަރްލިކް ވައިގެ ބޭސް

މީގެއިތުރުން ވެސް ތުރުކީއާ އެމެރިކާއާ ދެމެދުވަނީ ގިނަ މައްސަލަތަކެއް ޖެހި ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފައެވެ. ތުރުކީއާއި އެމެރިކާއާ ދެމެދު ގުޅުންތައް ގޯސްވި ސަބަބުތަކުގެ ތެރޭގައި ރަޝިޔާގައި އުފައްދާ އެސް 400 މަރުކާގެ ދިފާޢީ ނިޒާމު، ތުރުކީން ގަތުމާއި ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ކާޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ) އަށް އެމެރިކާއިން އަސްކަރީ އެހީ ފޯރުކޮށްދެމުން ގެންދާ މައްސަލަ ހިމެނެއެވެ.

ސޫރިޔާގެ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ "ވައިޕީޖީ" އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމުގައި ތުރުކީން ސިފަކުރާ ޖަމާއަތެކެވެ. ތުރުކީގެ ޕާލަމެންޓުންވަނީ އަރުމީނިޔާ ދަރިކޮޅުގެ ނަސާރާއިންގެ ނަސްލު ނައްތާލުމަށް ތުރުކީގެ އުޘްމާނީ ޚިލާފަތުން ގަތްލުއާންމުތައް ހިންގިކަމަށް ބުނެ އެމެރިކާގެ ސެނެޓުން ފާސްކުރި ގަރާރުގެ ރައްދުގައި އެމެރިކާއިން އެމެރިކާގެ އަސްލު ރައްޔިތުން ކަމަށްވާ ރެޑް އިންޑިޔަނުންނާ ދެކޮޅަށް ހިންގާފައިވާ ގަލްތުއާންމުތަކަކީ ވެސް ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ސިފަކޮށް ތުރުކީގެ ޕާލަމެންޓުން ގަރާރެއް ފާސްކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މިފަދަ ހާލަތެއްގައި އެމެރިކާ ބޭނުންވާ އަސްކަރީ ފަސޭހަތައް ތުރުކީގެ ބިމުން ނުދިނުން ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއާ ދެކޮޅަށް އަޅަން ތުރުކީ ސަރުކާރަށް މަޖްބޫރުވެގެންދާނެއެވެ.

އެހެންކަމުން އުރުދުޣާން ވަނީ އެމެރިކާއިން އާމީނިޔާ ނަސާރައިންގެ މައްސަލާގައި ފާސްކުރި ގަރާރު އުވާލުމަށް ގޮވާލާފައެވެ. އެމެރިކާއަކީ ކިތަންމެ ބޮޑު އަދި ބާރުގަދަ ގައުމެއް ނަމަވެސް އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގާބިލްކަން ތުރުކީއަށް ވެސް ލިބިގެންވެއެވެ. މީގެތެރޭގައި ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވުމާ އަދި އެމެރިކާ ބޭނުންކުރުމަށް ދީފައިވާ ތުރުކީގެ އިންޗްރިލިކް ވައިގެ ބޭހުގައި އެމެރިކާ ރައްކާކޮށްފައިވާ 50 އަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ތުރުކީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވުން ހިމެނެއެވެ. އަދި އެމެރިކާގެ ހަތިޔާރުގެ ބަދަލުގައި ރަޝިޔާގެ ހަތިޔާރުގަނެ އެމެރިކާއަށް ބިރު ދެއްކުމުގެ ފުރްސަތު ތުރުކީއަށް އެބައޮތެވެ.

އިންޗްރިލިކް ވައިގެ ބޭހުގައި އެމެރިކާއިން 50 އަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު ރައްކާކޮށްފައި ވަނީ ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވާތީ ތުރުކީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އެ ހަތިޔާރު ބެލެހެއްޓުމަށް ޓަކައި އިންޗްރިލިކް ވައިގެ ބޭހުގައި ތިބެނީ އެމެރިކާގެ މަދު އަދަދެއްގެ އަސްކަރީ ތަޖްރިބާކާރުންނާއި ސިފައިންނެވެ. އެހެންކަމުން ތުރުކީގައި އެމެރިކާ ރައްކާކޮށްފައިވާ ނިއުކްލިޔާ ހަތިޔާރުވަނީ ތުރުކީގެ ކޮންޓްރޯލްގެ ދަށުގައެވެ. ތުރުކީ ބޭނުންވެއްޖެ ނަމަ އިންޗްރިލިކް ވައިގެ ބޭހުގައިވާ އެމެރިކާގެ ނިއުކްލިޔާ ހުރިހާ ހަތިޔާރެއް އެމެރިކާގެ ބާރު ނުހިނގާ ގޮތަށްވެސް ހެދިދާނެ އެވެ.

ތުރުކީއަކީ 80 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އަސްކަރީ ގޮތުން ބާރުގަދަ ގައުމަކަށްވެފައި ނޭޓޯގެ ގައުމުތަކުގެ ތެރެއިން އެމެރިކާ ފިޔަވައި އެންމެބޮޑު ސިފައިންގެ ލަޝްކަރެއް އޮންނަނީވެސް ތުރުކީގައި ކަމަށްވާތީ ތުރުކީއާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމަކީ އެމެރިކާއަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އަދި އިންޗްރިލިކް ވައިގެ ބޭސް ބޭނުންކުރުން އެމެރިކާއަށް މަނާކޮށްފިނަމަ މެދުއިރުމައްޗާއި މެދުތެރޭ އޭޝިޔާގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެއެވެ. ތުރުކީއަކީ ޒަމާނީ ބަރު ހަތިޔާރު ލިބިފައިވުމުގެ އިތުރުން ހަނގުރާމައިގެ ވަރުގަދަ ތަމްރީނާއި އަސްކަރީ ތަޖްރިބާއާއި ލިބިފައިވާ ބައިމިލިޔަނެއްހާ ސިފައިން ތިބި ގައުމެކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް