ކަނޑުމަހާ ގުޅޭ، އިންފޯ ފިޝްގެ ބައްދަލުވުމެއް ރާއްޖޭގައި ފައްޓައިފި

ކަނޑުމަހުގެ މަސްވެރިކަމާ ގުޅޭ އެންމެ ބޮޑު ކޮންފަރެންސް އިންތިޒާމްކުރާ އިންފޯފިޝްއިން ރާއްޖޭގައި މިއަދު ފެށި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ދުނިޔޭގެ ކަނޑުގެ މަސްވެރިކަމާ ގުޅޭ އެންމެ ބޮޑު ކޮންފަރެންސް އިންތިޒާމްކުރާ އިންފޯފިޝް ޖަމިއްޔާގެ ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި އެވެ.

މާލެ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ފެށި އެ ބައްދަލުވުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާ (އެފްއޭއޯ)ގެ އެހީތެރިކަމާ އެކު ހިންގާ، ސަރަހައްދީ މެމްބަރު ގައުމުތައް ތަމްސީލުކުރާ ޖަމިއްޔާއެކެވެ. އެ ޖަމްއިއްޔާގައި 13 މެމްބަރު ގައުމު އެކުލެވެ އެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ގައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗާ ކުރިއަރުވާ ބައިނަލްއަގުވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެ އެވެ.

މިއަދު ރާއްޖޭގައި ފެށީ އިންފޯފިޝް ގަވާނިންގް ކައުންސިލްގެ 34 ވަނަ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ފިޖީގެ މިނިސްޓަރު އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައު ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އެ ބައްދަލުވުމުގައި އިންފޯފިޝްގެ މެމްބަރު ހަތް ގައުމުން ބައިވެރިވާ އިރު މި އަހަރުގެ އިންފޯފިޝް ގަވާނިންގް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ރާއްޖެއިން އެވެ.

އެ ބައްދަލުވުމުގައި އެފްއޭއޯގެ މަންދޫބުންގެ އިތުރުން، އިންޓަނެޝަނަލް ދެ އޮބްޒާވަރުން ބައިވެރިވެ އެވެ.

އިންފޯފިސް ޓޫނާ ކޮންފަރެންސް އަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންތިޒާމުކުރަމުން ގެންދާ އިވެންޓެކެވެ. މީގެ އިތުރުން އިންފޯފިޝް އިން މަސްވެރިކަމާއި އެކުއާކަލްޗާގެ ބައެއް ޕްރޮޖެކްޓްތައް، އެހެން ބައެއް، އެހީ ދޭ ޖަމްއިއްޔާ ތަކާ ގުޅިގެން ހިންގަމުން ގެންދެ އެވެ.

އިންފޯފިޝް މެދުވެރިކޮށް މަސްވެރިކަމާއި އެކުއާކަލްޗާގެ ވިޔަފާރި މާކެޓް ކުރުމާގުޅޭ ފަންނީ ލަފަޔާ މަޝްވަރާ، އިންފޯފިޝް މެދުވެރިކޮށް މެމްބަރު ގައުމުތަކަށް ލިބޭނޭ ނިޒާމެއް ވެސް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް