ޑިބްރޭނާގެ މޮޅު ކުޅުމާ އެކު ސިޓީން އާސެނަލް ބަލިކޮށްފިި

މެންޗެސްޓާ ސިޓީއާއި އާސެނަލް ކުޅުނު މެޗުގައި ސިޓީން ގޯލު ޖެހުމަށް ފަހު --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ކެވިން ޑިބްރޭނާގެ ދެ ގޯލާއި އެސިސްޓަކާ އެކު އާސެނަލް އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ސިޓީ ކުރި ހޯދީ 0-3ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު އެންމެ ފަހުން ދެ ސީޒަނުގައި ވެސް ޗެމްޕިއަންކަން ހޯދި ސިޓީ ތާވަލުގެ ތިންވަނާގައި އޮތީ 35 ޕޮއިންޓާ އެކު އެވެ. އެއްވަނާގައި ލިވަޕޫލް ބޮޑު ލީޑެއްގައި އޮތީ 49 ޕޮއިންޓާ އެކު އެވެ. ލިވަޕޫލާއި ދެން އެންމެ ގާތުން ވާދަކުރާ ލެސްޓާ ސިޓީ ދެވަނާގައި އޮތީ 39 ޕޮއިންޓާ އެކު އެވެ.

ސީޒަނުގެ ފުރަތަމަ ކޮޅު ފޯމު ކަޓައި ގިނަ ޕޮއިންޓަތަކެއް ގެއްލުނު ނަމަވެސް ސިޓީން ފަހަކަށް އައިސް ދައްކަމުން އަންނަނީ މޮޅު ކުޅުމެކެވެ. އެގޮތުން ރޭގެ މެޗުގައި ވެސް އެ ޓީމުން އާސެނަލުގެ އަމިއްލަ ދަނޑުގައި ކުޅެ ބޮޑު ތަފާތަކުން މޮޅުވި އިރު ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

މެޗު ފެށިގެން ދެވަނަ މިނަޓުގައި ސިޓީން ވަނީ ލީޑު ނަގައިފަ އެވެ. ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސުސް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލީ ޑިބްރޭނާ އެވެ. އެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޑިބްރޭނާ ވަނީ އޭގެ އިރަކޮޅެއް ފަހުން ރަހީމް ސްޓާލިންގް ޖެހި ގޯލަށް ވެސް އެސިސްޓް ކޮށްދީފަ އެވެ.

އަދި އެއަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ތިން ގޯލަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ހާފު ހެޓްރިކަކުން ނިންމާލަން ލިބުނު ފުރުސަތުގައި ޑިބްރޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިޔަށެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން އެވަޓަންއާ އެއްވަރުވެފަ އެވެ. ފުރަތަމަ ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ މެޗުގައި އެވަޓަން އިން މެޗުގެ ބޮޑު ބައި ކުރީގައި އޮތްއިރު، ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 18 އަހަރުގެ ފޯވާޑް މޭސަން ގްރީންވުޑް އެވެ.

comment ކޮމެންޓް