އަފްޝަން އާއި އަލްހާން މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަނީ

އަފްޝަން ލަތީފް އަދި އަލްހާން ފަހުމީ: ދެބޭފުޅުން ވެސް ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން ހާމަަކުރައްވާފައި --- ސަން ފައިލް ފޮޓޯ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް އާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ.

އަފްޝަން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މުހިންމު އިސްލާހުތައް ތަސްދީގުވެގެން ދިއުމާ ގުޅިގެން، ރާއްޖޭގައި ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމުގެ އުންމީދު އާވެގެން ގޮސްފައިވާ ކަމަށެވެ.

"މި އުންމީދާއެކު، އަޅުގަނޑު މާލެ ސިޓީ މޭޔަރުގެ މަގާމަށް ވާދަކުރުމަށް ވިސްނާ ވާހަކަ ދަންނަވަން،" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އުންމީދަކީ މާލެ ސިޓީގެ ދިރިއުޅުމަކީ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ މާހައުލެއް ޔަގީންކޮށްދީ، ޖަޒީރާ ރާއްޖެއާއި އެޖެންޑާ19 ގެ ސިޔާސަތުތަކުގެ ތެރެއިން، ދުރުރާސްތާއަށް އަމާޒުކޮށް ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުން ކަމަށެވެ.

މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމަވާފައިކަމަށް ވިދާޅުވެ އަލްހާން ރޭ ކުރެއްވި ޓުވީޓެއްގައި މާލޭ ސިޓީގެ ރައްޔިތު އެންމެންގެ އިހްލާސްތެރި އެއްބާރުލުމަށް ވަނީ އެދިވަޑައިގެންފައެވެ.

"ކުރިޔަށް އަތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން، މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑު ނިޔަތްގަނެފިން!" އަލްހާން ވިދާޅުވިއެވެ.

އަފްޝަން އާއި އަލްހާންގެ އިތުރުން ނިމިގެން ދިޔަ ސަރުކާރުގެ ހައުސިން މިިނިސްޓަރު އަދި ޑރ. މުހައްމަދު މުއިއްޒު ވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަމަށް ޕީިޕީއެމް-ޕީއެންސީއިން ވަނީ ހާމަކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ބައެއް ފަރާތްތަކުން އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކުރައްވައި މިހާރު ވަނީ ކެމްޕޭނު ފަށައިފައެވެ.

comment ކޮމެންޓް