ކައުންސިލުތަކަށް މުވައްޒަފުން ނަގަން ދެން މިނިސްޓްރީގެ ހުއްދައެއް ބޭނުމެއް ނުވާނެ: އަމީރު

ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --- ސަންފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ކައުންސިލުތަކުގެ ވަޒީފާތަކަށް މީހުން އިތުރުކުރަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ދެން ބޭނުންނުވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ކޮރްސްރޯޑްސްގައި ކުރިއަށް ދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ރ. މަޑުއްވަރީގެ ކައުންސިލަރަކު ވަނީ މުވައްޒަފަންގެ ދަތިކަމުގެ ވާހަކަ ހިއްސާކޮށްފައެވެ. އަދި ކަމުގެ ގާބިލް މުވައްޒަފުން ނެތި އަދި ތަމްރީން ނެތި ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ދަތިކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިތުރަށް މުވައްޒަފުން ނަގައިގެން ނުވަތަ މުވައްޒަފުން ތަމްރީނުކޮށްގެން ކައުންސިލްތައް ކުރިއަށްގެންދިއުމަށް އޭނާ ވަނީ ހުށަހަޅައިފައެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތައް އައްސަވައި މިނިސްޓަރު އަމީރު ވިދާޅުވީ ކައުސިލްގެ ސްޓަރަކްޗާ ހުރި ގޮތުން މުވައްޒަފުން ނެގުމުގައި ދަތިކަން ހުރިކަން ގަބޫލްކުރައްވާ ކަމަށެވެ.

" ކުރިއަށްއޮތްތާގައި މިނިސްޓްރީން އިތުރު ހުއްދައެއް ހޯދާކަށް ނުޖެހޭނެ ތިބޭފުޅުން މިހާރު ކައުންސިލްގެ ސްޓްރަކްޗާގައި ތިބި މުވައްޒަފުން އިތުރަށް ނަގާކަށް. ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ އަޅުގަނޑުމެން ކުރިއަށްއޮތް އަހަރު ބަޖެޓުކޮށްގެން އިތުރު މުވައްޒަފުން ނަގަން ބޭނުންނަމަ ބަޖެޓުކޮށްގެން އެކަންތައްތައް ފާސްކޮށްގެން އެކަން ކުރެވޭގޮތަށް ގާނޫނުތައް ފާސްކޮށްފަ ތަސްދީގުކުރެވިފަ އެއޮތީ. އެހެންވީމާ މުވައްޒަފުން ނެގޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުމުގައި ކައުންސިލަރުން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އަމީރު އެގޮތަށް ވިދާޅުވި މައި ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިޔަ ގިނަ ބާރުތަކެއް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް ވަނީ ދޫކޮށްލާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މުވައްޒަފުން ނެގުމުގެ މިނިވަންކަން މިހާރު ކައުންސިލްތަކަށް ދީފައިވާ ކަމަށާއި އަދި ކޮންޓްރެކްޓަށްވެސް ކައުންސިލްތަކުން މުވައްޒަފުން ނެގޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ބޭނުންނަމަ އެކަން ބެޖެޓުކޮށްގެން ކުރުމުގެ މުހިންމުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

ރިކަރަންޓް ހަރަދު ވަކިވަރަކަށް ހިފަހައްޓަނީނަމަ ކައުންސިލްތަކުގެ ބަޖެޓުން މުވައްޒަފުން ނެގުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް އަމީރު ވިދާޅުވިއެވެ.

މިއަދުގެ ކޮންފަރެންސްގައި ރައީސް ނަޝީދު ވަނީ މުވައްޒަފުން އިތުރުނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި އެއްވެސް މުވައްޒަފަކު ނުނަގައި ރަށުގައި ވިޔަފާރި އުފައްދައި ތަރައްގީކޮށްގެން މުވައްޒަފުން ނެގުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސްކުރައްވައިފައެވެ. ސަރުކާރުގެ މުވައްޒަފުން އިތުރުކުރީނޫން ރަށު އެންމެނަށް ވަޒީފާ ހޯދައިނުދެވޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

" އިނގިވަޑައިގަންނަވާތޯ އައިސްލެންޑްގެ ސަރުކާރުގައި ތިބެނީ 12000 މީހުން. މުޅިއެކު އަޅުގަނޑުމެންގެ ސަރުކާރުގައި 37،000 މީހުން. އައިސްލެންޑްގެ ޖީޑީޕީ ރާއްޖޭގެ ޖީޑީޕީ ރާއްޖެއަށްވުރެ ތިން ގުނަ ބޮޑު. އައިސްލެންޑް މާ މުއްސަނދި އެމީހުން މާގިނަ މަސައްކަތްކޮށްފި. " ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލަރުގެ ކަންބޮޑުވުންތަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހިމް ވިދާޅުވީ މުވައްޒަފުން ތަމްރީން ކުރުމަށް އިންޑިއާގެ އައިޓެކް ޕްރޮގްރާމްގެ ތެރެއިން ހަމަޖެހޭނެކަމަށާއި އެގޮތުން އެޗްއާރާއި ޕްރޮކިއުމަންޓް ފަދަ ދާއިރާތަކުން ތަމްރީން ލިބޭނެކަމަށެވެ.

ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިއަދުގެ ކޮންފަރެންސްގައި އަމީރު ވިދާޅުވީ ކައުންސިލްތަކަށް ހިލޭއެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އަންނަ އަހަރު ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ބިމުކުލީގެ ތެރޭގައި ލިބޭ އާމްދަނީވެސް ނުހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އަންނަ އަހަރު ބަޖެޓުގައި އެވްރެޖްކޮށް ރަށުކައުންސިލްތަކަށް 165.8 ޕަސެންޓް، އަތޮޅު ކައުންިސލްތަކަށް 38.5 ޕަސެންޓް އަދި ސިޓީ ކައުންިސލްތަކަސް 463.2 ޕަސެންޓް އިތުރުކޮށްފައިވާކަމަށެވެ.

ރައްޔިތުންނަށް ދޭ ފެންވަރުގެ ހިދުމަތް ރަނގަކޮށް ފުއްދުންތެރިކަން އިތުރުކޮށް ހަރަދުތައް ހަމަޖެއްސުމަކީ ބަޖެޓުގެ އަމާޒުގެގޮތުގައި ހަދަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކައުންސިލްތަކުން ހުށަހަޅާ ބަޖެޓު ޑެފިސިޓްވާނަމަ ބަޖެޓް ޑެފިސިޓް ފައިނޭންސިން ޕްލޭން ބަޖެޓު އަންދާޒ ހުށަހަޅާއިރު ހުށަހަޅަން ޖެހޭނެކަމަށެވެ.

comment ކޮމެންޓް