ތިން ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ބަލްގޭރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެލިއެނޮރާ ޑިމިޓްރީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުން --- ފޮޓޯ: ރައީސް އޮފީސް

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތިގައި ބަލްގޭރިއާ، ޑެންމާކު އަދި އަޔަލެންޑުން ރާއްޖެ އަށް ކަނޑައެޅި ސަފީރުން ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފަ އެވެ.

ބަލްގޭރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެލިއެނޮރާ ޑިމިޓްރީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށްފަހު، ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހު ވަނީ ނޫ އިގްތިސޯދާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސަފީރާ ހިއްސާ ކުރައްވައިފައެވެ. ރާއްޖެއާއި ބަލްގޭރިއާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސް ވަނީ ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ރޮނގުން އެގައުމުގެ އެއްބާރުލުން ރާއްޖެއަށް ލިބުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ޑެންމާކް ސަފީރު ފްރެޑީ ސްވޭން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އެރުވުމަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ދެގައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަޔަލެންޑުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ބްރެންޑަން ވާޑްގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެއާއި އަޔަލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވިފައިވާތާ 20 އަހަރުވެފައިވާކަން ފާހަގަކުރައްވާ ޔަލެންޑަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެއްކަން ފާހަގަކުރައްވައިފައެވެ. އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތްތާނގައިވެސް އިތުރުވަމުންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސޯދު އަދި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

comment ކޮމެންޓް