އެލްކުލެސިކޯގެ ކުރިން ބާސެލޯނާ ހިފެހެއްޓީ ސޮސިއެޑޭޑުން

ބާސެލޯނާއާއި ރެއާލް ސޮސިއެޑޭޑް ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެގެން --- ފޮޓޯ// އޭޕީ

ކުރިއަށް އޮތް އެލްކުލެސިކޯގެ ކުރިން ރޭ ސްޕެނިޝް ލީގުގައި ރެއާލް ސޮސެއިޑޭޑާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ބާސެލޯނާ މިވަގުތު އެއްވަނައިގައި އޮތީ 16 މެޗު ކުޅެގެން ލިބުނު 35 ޕޮއިންޓާ އެކު އެވެ. އެ ޓީމާއި އެންމެ ގާތުން ވާދަކުރާ ރެއާލް މެޑްރިޑް އެއްމެޗު މަދުން ކުޅެގެން ވަނީ 34 ޕޮއިންޓް ހޯދައިފަ އެވެ. އެހެން ކަމުން މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ އެ ޓީމު އެއްވަނައަށް އަރާނެ އެވެ.

ރޭގެ މެޗަށް ބާސެލޯނާއިން ނުކުތީ އެ ޓީމުން މި ފަހުން ބޭނުން ކުރާ ފުލް ސްކޮޑާ އެކު އެވެ. މެޗު ފެށިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޑޮމިނޭޓް ކުރަމުން ދަނިކޮށް ސޮސިއެޑޭޑުން ލީޑު ނެގީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޓީމަށް ލިބުނު ކޯނަރެއް ނެގި އިރު ސާޖިއޯ ބުސްކެޓް ފައުލު ކުރީ ކަމަށް ރެފްރީ ނިންމި ނަމަވެސް ބާސެލޯނާ ކުޅުންތެރިން ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ޖައްސާފަ އެވެ.

ސޮސިއެޑޭޑްގެ ގޯލަށްފަހު ބާސެލޯނާ ކުޅުން ރަނގަޅުކޮށް ގޯލަށް ޖަހަން މަސައްކަތް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް އަލަށް ގުޅުނު އެންޓޮއިން ގްރީޒްމަން ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން އިސާހިތަކު ބާސެލޯނާއިން ލީޑު ނެގި އެވެ. އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ޖައްސާލި ޕާހަކުން މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލީ ލުއިސް ސުއަރޭޒް އެވެ. އެކަމަކު އިދިކޮޅު ޓީމުން ވަނީ އެ ހާފުގައި އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އެލެކްސެންޑްރާ އައިސެކް އެވެ.

އެ މެޗުގެ ނަތީޖާއާ އެކު ބާސެލޯނާއަށް ވަނީ މި މަހުގެ 18 ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ޕްރެޝަރު ބޮޑު ވެފަ އެވެ. ރެއާލުން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެލްކުލެސިކޯގައި މޮޅުވާން ބާސެލޯނާއަށް މުހިއްމުވާނެ އެވެ. އެއީ އެ މެޗުން މޮޅުވާ ޓީމަކަށް އެއްވަނައިގެ ސްޕޮޓް ޔަގީންވާނެތީ އެވެ.

comment ކޮމެންޓް