ވަޓްފޯޑް ބަލިކޮށް ލިވަޕޫލުން 10 ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި

ވަޓްފޯޑާއި ލިވަޕޫލް އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// ސްޓީފެން ކްރީކް

ދުނިޔޭގެ އެންމެ ގިނަބައެއްގެ މެދުގައި މަގުބޫލު ލީގުގެ ގޮތުގައި ފާހަގަވެފައި އޮންނަ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި ކުޅުމަކަށްފަހު ވަޓްފޯޑް ބަލިކޮށް ލިވަޕޫލުން އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ވަޓްފޯޑުގެ މައްޗަށް އެ ޓީމު ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ލީގު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 49 ޕޮއިންޓާ އެކު އެވެ. އެ ޓީމާ އެންމެ ގާތުން ދެން ވާދަކުރާ ލެސްޓާ ސިޓީ ރޭ އަމިއްލަ ދަނޑުގައި ކުޅެ ނޯވިޗް ސިޓީއާ އެއްވަރުވުމުން އެ ޓީމަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ. ވޭތުވެ ދިޔަ ދެ ސީޒަނުގެ ވެސް ސެމްޕިއަންކަން ހޯދި މެންޗެސްޓ ސިޓީ ތިންވަނައިގައި އޮތީ 32 ޕޮއިންޓާ އެކު އެވެ.

މިފަހަރުގެ ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން އަދި ބަލިނުވެ ރެކޯޑް ދަމަހައްޓަމުން އަންނަ ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެ ޓީމުގެ އެޓޭކިންގް ޓްރިއޯގައި މުހައްމަދު ސަލާހުއާއި ރޮބާޓޯ ފިރްމީނިއޯ އަދި ސާޑިއޯ މާނޭ ހިމަނައިގެން ރޭގެ މެޗުއެ ޓީމުން ކުޅުނު އިރު އިދިކޮޅު ގޯލަށް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

އިއްޔެގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ލިވަޕޫލުންނެވެ. ނަމަވެސް ވަޓްފޯޑުން އުފައްދަމުން ދިޔަ ކައުންޓާ އެޓޭކުތަކުގައި އެ ޓީމުން ވަނީ ރަނގަޅު ހުސްފުރުސަތު ތަކެއް ތަނަވަސް ކޮށްފަ އެވެ. ނަމަވެސް އެ ފުރުސަތުތައް ރަނގަޅަށް ނިންމާލެވޭ ގޮތް ނުވި އިރު ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގާފަ އެވެ. މާނޭ ޖައްސާލި ތްރޫ ބޯޅައެއްގެ ބޭނުން ހިފާ ލިވަޕޫލަށް އެ ގޯލު ޖަހައިދިނީ ސަލާހް އެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދި އިރު މެޗު ނިމެން ދަނިކޮށް ސަލާހު ވަނީ ލީޑު ފުޅާކޮށް މޮޅު ޔަގީންކޮށްދީފަ އެވެ. މޮޅު ކުޅުމަކާ އެކު މެޗުން މޮޅުވި ނަމަވެސް ލިވަޕޫލުން މެޗު ނިންމާލަން ޖެހުނީ އެ ޓީމުގެ މެޗުތެރެއަށް ކުޅެމުން އަންނަ ޖޯޖީނިއީޯ ވައިނަލްޑަމްއާ ނުލަ އެވެ. އޭނާ ވަނީ އަނިޔާ ވެގެން މެޗުގެ މެދަކާ ހަމައިން ބަދަލުކޮށްފަ އެވެ.

މި މެޗަށް ފަހު ލިވަޕޫލް މިއަދު ގަތަރަށް ފުރާނެ އެވެ. އެއީ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރުމަށެވެ. އެ މުބާރާތުގެ ސެމީގައި ބުދަ ދުވަހު ލިވަޕޫލް ކުޅޭނީ މޮންޓަރޭއާ އެވެ. އޭގެ އެއް ދުވަސް ކުރިން އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި ލިވަޕޫލުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗުގައި ލިވަޕޫލުން ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ޒުވާން ކުޅުންތެރިންނެވެ. އެއީ ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުން ސީނިއާ ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުންނެވެ.

comment ކޮމެންޓް