އެކި ފަންނުތަކުން ފާހަގަކޮށްލެވޭ ބޭފުޅުންނާއެކު އެމްއާރްއެމްގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފި

އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މަޝްވަރާ ކޮމިޓީ އެކުލަވާލައިފިއެވެ.

މަޝްވަރާ ކޮމިޓީ އެކުލަވާލައިފައި ވަނީ 12 ބޭފުޅުންގެ މައްޗަށެވެ. އެ ބޭފުޅުންގެ ތެރޭގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ކުރީގެ ދެ މިނިސްޓަރުން ކަމުގައިބާ އުމަރު ޒާހިރު އާއި އައްބާސް އިބްރާހީމް އަދި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ގައުމީ އިނާމު ކޮމިޓީގެ މެމްބަރު އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ރަހީމާ އާދަމް އާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އާއި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވަމުން ގެންދަވާ ދެ ބޭފުޅުން ކަމުގައިވާ ވަފާ ވަހީދު މުހައްމަދާއި އާއިޝަތު ޝިހާމާގެ އިތުރުން ކާމިޔާބު ފުޓުބޯޅަ ކޯޗު އަލީ ސުޒައިން އާއި ކާމިޔާބު އެކްޓަރު ނިއުމާ މުހައްމަދު އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު މޫމިނާ އާދަމް އާއި ވިޔަފާރިވެރިޔާ އިސްމާއިލް މާޖިދު އަދި މުހައްމަދު އަފީފު ހުސައިން އެވެ.

އެމްއާރުއެމްގެ އަސާސީ ގަވައިދުގައި ވާ ގޮތުން، އެ ޕާޓީގެ މަގާމުތައް ހަމަޖައްސާފައިވަނީ އަންހެނުންނަށް 50 ޕަސަންޓު ހާއްސަކޮށްގެންނެވެ. އެގޮތުގެ މަތިން މަޝްވަރާ ކޮމިޓީގެ ދެބައިކުޅަ އެއްބައި މެމްބަރުންނަކީ އަންހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުގައި އެމްއާރްއެމް ރަޖިސްޓްރީކޮށްދީފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ރައީސް މައުމޫން އިންތިހާބުކޮށްފައި ވާއިރު، އިންތިގާލީ ނައިބު ރައީސުންނަށް އިންތިހާބުކޮށްފައި ވަނީ މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ އެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ލީޑަޝިޕުގައި އަންހެނުންގެ މެޖޯރިޓީއެއް އޮތުމަށް މެދުވެރިވި ފުރަތަމަ ފަހަރެވެ.

ޕާޓީގެ ވަގުތީ ހިންގާ ކޮމިޓީއަށް އިންތިހާބު ކޮށްފައި ވަނީ 10 އަންހެން މެމްބަރުންނާއި 10 ފިރިހެން މެމްބަރުންނާ އެކު ޖުމްލަ 20 މެމްބަރުންނެވެ. އޭގެ އިތުރުން އިންތިގާލީ ރައީސް އައްޔަން ކުރާ ހަތަރު މެމްބަރުންނާއި އަންހެނުންގެ ކައުންސިލުން ދެ މެމްބަރުންނާއި ޒުވާނުންގެ ކައުންސިލުން 12 މެމްބަރުން ވެސް ވަގުތީ އެގްޒެކެޓިވް ކައުންސިލްގައި ހިމެނިވަޑައިގަންނަވަ އެވެ. ޖުމްލަ 32 މެމްބަރަކު އެ ކައުންސިލްގައި ހިމެނެވެ.

comment ކޮމެންޓް