ގެ ކުއްޔަށް ދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މީހަކު ދެ އަހަރަށް ޖަލަށް

ކުރިމިނަލް ކޯޓު: އެޕާޓްމެންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ 13 މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މީހަކު ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި -- ސަން ފައިލް ފޮޓޯ

މާލޭގައި އެއް އެޕާޓްމެންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ 13 މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މީހަކު ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މަކަރާއި ހީލަތް ހެދި ކަމުގެ ދައުވާ ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، މ. ގްރީންބީންސް މުހައްމަދު މޫސާ އެވެ.

އެ ކޯޓުން މިދިޔަ ހަފްތާގައި ކޮށްފައިވާ ހުކުމުގައިވާ ގޮތުން، މުހައްމަދު މޫސާ ވަނީ 13 މީހެއްގެ އަތުން 1000 އާއި އެއް ލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކަށް ފައިސާ ނަގައިފަ އެވެ. އެގޮތުން އޭނާގެ ގެ، މ. ގްރީންބީންސްގެ ތިން ވަނަ ފަންގިފިލާގައި ހުރި އެ އެޕާޓްމެންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ 13 މީހެއްގެ އަތުން ނެގި ފައިސާގެ އަދަދު 237،000 އަށް އަރަ އެވެ.

ތޭރަ މީހުންގެ އަތުން ވެސް ފައިސާ ނަގާފައިވަނީ އެގްރީމެންޓްގައި ސޮއި ކުރުމަށްފަހު ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ. އަދި ބައެއް މީހުންގެ އަތުން އެޑްވާންސްއަށް 10،000 އާއި 15،000 ދެމެދު އަދަދަކަށް ފައިސާ ނަގާފައިވާއިރު އެކަކު އަތުން ވަނީ އެއްލައްކަ ރުފިޔާ ނަގާފަ އެވެ. އެއް ލައްކަ ރުފިޔާ ނަގާފައިވަނީ ފަސް އަހަރު ދުވަހުގެ ކުލި އެއް ފަހަރާ ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މުހައްމަދު މޫސާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެގޮތުން އޭނާގެ ގާނޫނީ ވަކީލް ބުނެފައިވަނީ މުހައްމަދު މޫސާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލޭނެ ކަމަށާއި އެކަމަކީ މަދަނީ މައްސަލައެއް ކަމަށެވެ. އަދި މައްސަލަ ޖެހުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނުވަތަ މަދަނީ ބަދަލު ދީފައިވާނެ ކަމަށް ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް މުހައްމަދު މޫސާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުންނާއި ލިޔެކިޔުންތަކަށް ބަލާފައި ކަމަށް ހުކުމް އިއްވި ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ވިދާޅުވެ އެވެ.

މުހައްމަދު މޫސާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވެފައިވާއިރު އޭނާ ފައިސާ ނެގި ފަރާތްތަކަށް މަދަނީ ދައުވާ ކުރުމުގެ ހައްގު އޮތް ކަން ވަނީ ހުކުމުގައި ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް