ގައުމުގެ އިސްވެރިން އަރައި ޗައިނާއާ ބެހުނީމާ ނަތީޖާ ހިތިވާނެ: ޝިޔާމް

އިދިކޮޅު ފަރާތްތަކުން ބޭއްވި "ހިބަރު ވަދު" ޖަލްސާގައި އަހުމަދު ޝިޔާމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޗައިނާ އަކީ ރާއްޖެއަށް ވަރަށް ބޮޑެތި އެހީތަކެއް ވެދީފައިވާ ގައުމެއް ކަމަށާއި މިހާރުގެ ސަރުކާރުން ޗާއިނާ "ބޭޝް" ކުރާ ނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާއާ ގުޅުވައިގެން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެސްދިނުމުގެ ނަމުގައި ބޮޑެތި ލޯނުތަކެއް ދީގެން ޗައިނާއިން ރާއްޖެ ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށެވެ. އަދި ޗައިނާ އިން ލޯނުތައް ރީސްޓްރަކްޗާ ކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޗައިނާއާ ބެހޭ ގޮތުން ވާހަކަ ދައްކައި ޗައިނާއާ ބެހި ހަދާ ނަމަ ދިވެހި އާއިލާތައް ނިކަމެތި ވެގެންދާނެ ކަމަށެވެ.

"މިއަދު ޗައިނާ މާކެޓު ހުއްޓާލައިފިއްޔާ ނިކަމެތިވާނީ އާއިލާތައް. މިއަދު ޗައިނާއާއި ދިވެހި ރާއްޖެއިން ކުރަމުންދާ ކަންތައްތައް ސަރުކާރާ ހެދި ހުއްޓާލަން ޖެހިއްޖެ ނަމަ އޭގެ ހިތި ނަތީޖާ އަންނަނީ ދިވެހިންނަށް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ދެނީ ޗައިނާގެ ފަތުރުވެރިން ކަމަށެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔަކީ ޗައިނާ. އަޅުގަނޑުމެންނަށް ފެންނަން އެބަހުރި ޗައިނަގެ އިންވެސްޓްމަންޓްތައް. ޗައިނާގެ އިންވެސްޓްމެންޓްތައް މިތަނަށް އައީމަ ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ވީ ފައިދާ އެނގިވަޑައިންނަވާނެ." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް