ލާހޯރުގެ ހޮސްޕިޓަލަކަށް ދިން ހަމަލާއާ ގުޅިގެން އިމްރާން ޚާންގެ ތިމާގެ މީހަކު ހޯދަނީ

ލާހޯރުގެ ހޮސްޕިޓަލަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއިން ބޮޑުވަޒީރަށް ބޮޑުބޭބެ ވިދާޅުވާ ހަސަން ނިއާޒީ ފެނިގެންދޭ -- ފޮޓޯ: އަރީނިއުސް

ލާހޯރު (ޑިސެމްބަރު 14): ޕާކިސްތާނުގެ ލާހޯރުގައި މިދިޔަ ބުދަ ދުވަހު ހޮސްޕިޓަލަކަށް ދިން ހަމަލާއާ ގުޅިގެން އެގައުމުގެ ފުލުހުން، ބޮޑުވަޒީރު އިމްރާން ޚާންގެ އާއިލާގެ މެމްބަރަކު ހޯދަން ފަށައިފި އެވެ.

ޕާކިސްތާނުގެ ފުލުހުން ބުނި ގޮތުގައި ޕަންޖާބް އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީ (ޕީއައިސީ)އަށް ދިން ހަމަލާގެ ތަހުގީގަށް ހޯދަމުން ދަނީ ބޮޑުވަޒީރަށް ބޮޑުބޭބެ ވިދާޅުވާ ވަކީލެއް ކަމަށްވާ ހަސަން ނިއާޒީ އެވެ. އަދި އޭނާގެ ގެ ބަލައި ފާސް ކުރުމުން އޭނާ ފެނިފައި ނުވާ ކަމަށާއި، ނިއާޒީ ފިލާފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ބުދަ ދުވަހު ޕީއައިސީއަށް ވަދެ، ހޮސްޕިޓަލުގެ މުވައްޒަފުންނާއި ތަކެއްޗަށް ހަމަލާ ދިނީ 200 ވަރަކަށް ވަކީލުން ވެގެންނެވެ.

އެ ހަމަނުޖެހުމަށް މަގުފަހިވީ މިދިޔަ މަހުގެ 20ގައި ވަކީލަކާއި އޭނާގެ އެކުވެރިން ޕީއައިސީއަށް ފަރުވާ ހޯދަން ދިޔުމުން، ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެމީހުންނާ ދެމެދު އަރާރުމެއް ހިނގައި ދެ ފަރާތުން ތަޅާފޮޅުމުންނެވެ.

ލާހޯރުގެ ހޮސްޕިޓަލަކަށް ވަކީލުން ދިން ހަމަލާ ހުއްޓުވަން ޖެހުނީ ފުލުހުން ގޮސްގެން -- ފޮޓޯ: އޭއެފްޕީ

އެ މައްސަލަ ހޮސްޕިޓަލުންނާއި ވަކީލުންގެ ޓީމުން ޕަންޖާބުގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުން މާފަށް އެދުމުން، ވަކީލުން ޝަކުވާ އަނބުރާ ގެންދަން އެއްބަސްވި އެވެ.

ނަމަވެސް މައްސަލަ އިތުރަށް ގޯސްވީ، ޕީއައިސީގެ ޑޮކްޓަރަކު އެ ވަކީލުންނަށް މަލާމަތްކޮށް އެމީހުން ލަދުގަންނަވާލި ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުންނެވެ. އޭގެ ސަބަބުން ވަކީލުންގެ ޓީމުން ނިންމީ ހޮސްޕިޓަލަށް ދާށެވެ.

އެ ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ސޫޓާއި ޓައި އަޅައިގެން ތިބި ވަކީލުން ހޮސްޕިޓަލުގެ މުވައްޒަފުންނާއި ފަރުވާ ދޭން ބޭނުން ކުރާ ސާމާނާއި އުޅަނދުތަކަށް ވެސް ގެއްލުންދިނެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންގެ ވޭނެއްގައި ވެސް ރޯކުރި އެވެ.

އެ ވޭނުގައި ރޯ ކުރާ މަންޒަރު ފެންނަ ވީޑިއޯއިން ނިއާޒީ ވެސް ފެނިގެންދެ އެވެ. އަދި އެ އެ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ.

އޭގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ. އަދި އޭނާ ދޫކޮށްލީ އެއީ ބޮޑުވަޒީރުގެ އާއިލާގެ މެމްބަރެއްކަން އެނގުމުންތޯ ސުވާލުކޮށްފަ އެވެ.

ޕީއައިސީން ބުނި ގޮތުގައި ވަކީލުން ދިން ހަމަލާގެ ސަބަބުން، ޑޮކްޓަރުންނާއި ނަރުހުންނަށް ބަލި މީހުންނަށް ފަރުވާ ނުދެވި، ތިން މީހަކު މަރުވި އެވެ. އަދި އެ ހާދިސާއާ ގުޅިގެން މިހާތަނަށް 80 ވަކީލުން ހައްޔަރުކޮށް، 46 މީހަކަށް މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް