ފޮރިން މިނިސްޓަރު ޝާހިދު، މޯދީއާ ބައްދަލު ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ފޮރިން މިނިސްޓަރު ޝާހިދުއާ އެކު: އެ ދެ ބޭފުޅުން މިއަދު ވަނީ އިންޑިއާގައި ވެސް ބައްދަލު ކުރައްވާފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް – އިންޑިއާ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމަށް އިންޑިއާއަށް ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅުގައި އޮތް އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު މޯދީއަށާއި، އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު މޯދީއަށް އެރުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ރައީސް އޮފީހުގެ ސެކްރެޓަރީ، ޕޮލިސީ އާމިނަތު ޝައުނާ، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާމިނަތު ޝަބީނާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރު މަރިޔަމް މިދްފާ ނައީމްއެވެ.

ޝާހިދުގެ އިންޑިއާ ދަތުރުގައި އިއްޔެ ވަނީ، އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލްއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި، އިންޑިއާ އާއި ރާއްޖެ ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވައި، ޕްރޮޖެކްޓްތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް