ބިދޭސީއެއްގެ އަތުން ފޭރިގަތް ދިވެއްސެއް ހައްޔަރުކޮށްފި

މާލެ މަތިން : ފައިސާ ފޭރިގަތީ މެމޮރީ ހޮޓާ ކައިރީން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބިދޭސީއެއްގެ އަތުން މިއަދު ހެނދުނު 500 ރުފިޔާ ފޭރިގަތް ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނެފައި ވަނީ މިއަދު ހެނދުނު 09:11 ހާއިރު ބޮޑުތަކުރުފާނު މަގު މެމޮރީ ހޮޓާ ކައިރިން ބިދޭސީއެއްގެ އަތުން 500 ރުފިޔާ ފޭރިގަތުމަށް ފަހު މީހަކު ދިޔަ ކަމަށެވެ.

ފުލުހުން ވަނީ އެމީހާ، ފިޔާތޮށި މަގު ޒިޔާރާތް މިސްކިތް ކައިރިން ހިފަހައްޓާފައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި ފުލުހުން އޭނާ ހުއްޓުވުމުން، އޭނާ ފޭރުނު ކަމަށް ބެލެވޭ 500 ރުފިޔާ މަގުމައްޗަށް ވެއްޓުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުނެ އެވެ. އެމީހާ ވަނީ މިހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނީ އެ 500 ރުފިޔާ ބިދޭސީ މީހާއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް މައުލޫމާތު ދެ އެވެ.

comment ކޮމެންޓް