އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން ބޮރިސްއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްލަދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސިވިލާތުގެ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކޮންޒަވެޓިވް ޕާޓީ ޕާލިމެންޓުގެ އަޣުލަބިއްޔަތު ހޯދުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮރިސްއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބޮރިސްއަށް މަރުހަބާ ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން އެންމެ ފުރަތަމަ ހާރިޖީ ގުޅުން ގާއިމް ކުރީ އިނގިރޭސިވިލާތާކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ދެ ގައުމާ ގުޅޭ ކަންކަމުގައި އެކުގައި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިހާރު އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާ ކަމުގެ ޝައުގު ރައީސް ސޯލިހު ފާޅުކުރެއްވި އެވެ.

އިއްޔެ ބޭއްވި އިނގިރޭސިވިލާތުގެ އާންމު އިންތިހާބަކީ 2022 ވަނަ އަހަރު ބާއްވަން އޮތް އިންތިހާބު އަވަސް ކުރުމަށް ފަހު ބޭއްވި އިންތިހާބެކެވެ. އެ އިންތިހާބުގައި 650 ދާއިރާއަކަށް މެމްބަރުން ހޮވި އިރު، އަޣުލަބިއްޔަތު ހޯދަން ބޭނުންވަނީ 326 ގޮނޑިއެވެ. މިހާތަނަށް 358 ގޮނޑި ކޮންޒަވޭޓިވް ޕާޓީއަށް ވަނީ ލިބިފަ އެވެ.

އިއްޔެގެ އިންތިހާބުގައި ޖެރެމީ ކޯބިންގެ އިދިކޮޅު ލޭބާ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެޕާޓީއަށް މިހާތަނަށް ލިބިފައި ވަނީ 203 ގޮނޑި އެވެ. އެއީ 1935 ވަނަ އަހަރުގެ ފަހުން އެ ޕާޓީއަށް އެންމެ މަދު ގޮނޑިތައް ލިބޭ އަހަރަށް ވެގެން ދާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ލަފާ ކުރެ އެވެ.

comment ކޮމެންޓް