އިނގިރޭސިވިލާތުގެ އިންތިހާބު: ކޮންޒާވެޓިވް ޕާޓިއަށް ޕާލިމެންޓުގެ އަޣުލަބިއްޔަތު ލިބިއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކޮންޒާވެޓިވް ޕާޓީއަށް ވަނީ ތާރީހީ ކާމިޔާބީއެއް ލިބިފަ -- ފޮޓޯ: ގެޓީ

ލަންޑަން (ޑިސެމްބަރު 13): އިނގިރޭސިވިލާތުގެ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކޮންޒާވެޓިވް ޕާޓީ ޕާލިމެންޓުގެ އަޣުލަބިއްޔަތު ހޯދައިފި އެވެ.

އިނގިރޭސިވިލާތުގައި 2022 ވަނަ އަހަރު ބާއްވަން އޮތް އިންތިހާބު އަވަސް ކުރުމަށް ފަހު އިއްޔެ ނެގި ވޯޓުގައި 650 ދާއިރާއަކަށް މެމްބަރުން ވަނީ ހޮވާފަ އެވެ. އޭގެ ތެރެއިން 600 އަށް ވުރެ ގިނަ ދާއިރާގެ ވޯޓުތައް މިހާރު ގުނާފައިވާ އިރު ވެރިކަން ކުރާ ޕާޓީން ވަނީ ޕާލިމެންޓުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުން 326 ގޮނޑިއަށްވުރެ އިތުރަށް 32 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި ބީބީސީން ލަފާ ކުރާ ގޮތުގައި އެ ޕާޓީން ޖުމްލަ 364 ގޮނޑި ހޯދާނެ އެވެ.

އެއީ 1987 ވަނަ އަހަރު ބޭއްވި އާއްމު އިންތިހާބަށް ފަހު ކޮންޒާވެޓިވް ޕާޓީއަށް ލިބުނު އެފަދަ އެންމެ ބޮޑު ކާމިޔާބީ އެވެ. އޭރު އެ ޕާޓީއަށް 376 ގޮނޑި ލިބުނު އިރު ޕާޓީގެ ލީޑަރަކަށް ހުންނެވީ މާގަރެޓް ތެޗާ އެވެ.

އިއްޔެގެ އިންތިހާބުގައި އިދިކޮޅު ލޭބާ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެޕާޓީއަށް މިހާތަނަށް ލިބިފައި ވަނީ 203 ގޮނޑި އެވެ. އަދި އެއީ 1935 ވަނަ އަހަރުގެ ފަހުން އެޕާޓީއަށް އެންމެ މަދު ގޮނޑިތައް ލިބޭ އަހަރަށް ވެގެން ދާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ލަފާ ކުރެ އެވެ.

އޭގެ ސަބަބުން ޕާޓީގެ ލީޑަރު ޖެރެމީ ކޯބިންގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ވަނީ އިތުރުވެފަ އެވެ. އަދި އޭނާ ވަނީ ދެން އަންނަ އިންތިހާބެއްގައި ޕާޓީގެ ލީޑަރަކަށް ހުންނަވާނީ އޭނާ ނޫން ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސި އާއްމު އިންތިހާބު އަވަސްކޮށްފައި ވަނީ އެގައުމު އީޔޫއިން ވަކިވުމާ ބެހޭ އެއްބަސްވުމަކަށް ޕާލިމެންޓަށް ނާދެވުމުންނެވެ. ނަމަވެސް ބޮޑުވަޒީރު ޖޯންސަންއަށް މިހާރު ޕާލިމެންޓުގެ އަޣުލަބިއްޔަތު ލިބުމުން، އޭނާގެ ބްރެކްޒިޓް އެއްބަސްވުން ޕާލިމެންޓަށް ހުށަހަޅާ، އެ އެއްބަސްވުމަށް ތާއިދު ހޯއްދަވާނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސިން އީޔޫއިން ވަކިވާން އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތް ތާރިހަކީ މިއަހަރުގެ މާޗް 29 އެވެ. އޭގެ ފަހުން އޮކްޓޯބަރު 31އަށް ފަސްކުރުމަށް ފަހު މިހާރު އެ ތާރީހު ވަނީ ޖެނުއަރީ 31އަށް ފަސްކޮށްފައެވެ.

comment ކޮމެންޓް