ގައުމު ސަލާމަތްކުރުމަށް އޮތް ހަމައެކަނި ގޮތަކީ އަޅުގަނޑުމެންނަށް ވޯޓު ދީގެން: އިދިކޮޅު

"އަނިޔާވެރި ހުކުމާ ދެކޮޅަށް" ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ގައުމު ސަލާމަތް ކުރުމަށް އޮތް ހަމައެކަނި ގޮތަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓީކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށް އެ ޕާޓީ ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ހުރިހާ ކައުންސިލްތަކަށް ކުރިމަތިލުމަށް ނިންމައިފަ އެވެ. އަދި އެކަމަށްޓަކާ ޕްރައިމަރީއަށް ކުރިމަތިލުމަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކައުންސިލް އިންތިހާބަކީ "ގައުމީ ޖިހާދެއް" ކަމަށެވެ. ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް ކައުންސިލް އިންތިހާބުގެ ބޭނުން ޒިންމާދާރުކަމާ އެކު ގޮތުގައި ހިފަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެެ.

"ގައުމު އަނބުރާ ހޯދަން ބޭނުން ނަމަ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތް ކުރަން ބޭނުން ނަމަ [ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް] މިފަހަރު އޮތީ އެންމެ ގޮތެއް. އެއީ ރައީސް ޔާމީނަށް ތާއީދު ކުރާ، ޕީޕީއެމްއަށް ތާއީދު ކުރާ ފިކުރު އެކަނި،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

މުއިއްޒު އެދިވަޑައިގެންނެވީ، އެހެން ޕާޓީއެއްގެ ޓިކެޓްގައި ނުކުންނަ އާއިލާ މީހަކަށް ވުމުން އެމީހަކަށް ވޯޓު ނުދިނުމަށެވެ. އޭގެ ބަދަލުގައި ޕީޕީއެމް ކެންޑިޑޭޓުން އިހުތިޔާރު ކުރުމަށް މުއިއްޒު އިލްތިމާސްކުރެއްވި އެވެ.

"ޕީޕީއެމްގެ ފަރާތުން ނުކުންނަ މީހާއަކީ، ގައުމީ މަސައްކަތުގައި ގައުމު ސަލާމަތްކުރުމަށް ޓަކައި ނުކުންނަ މީހެއް ކަމަށް ގަބޫލުކޮށް ގައުމީ ވާޖިބު އަދާކުރުމަށް،" މުއިއްޒު އެދިވަޑައިގެންނެވި އެވެ.

އިއްޔެ ޕީޕީއެމް އިން ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލީ، އަންނަ މަހު ހަތް ވަނަ ދުވަހުގެ ނިިޔަލަށެވެ. ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު 24 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވޯޓު ލެވޭނީ އަންނަ މަހުގެ 17ގެ ކުރިން އެޕާޓީގެ ރަޖިސްޓްރިގައި ތިއްބަވާ މެމްބަރުންނަށެވެ.

ކައުންސިލު އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު އެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކާއި އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފަ އެވެ.

comment ކޮމެންޓް