ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމައިފި

ޕީޕީއެމް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ހުރިހާ ގޮނޑިއަކަށް ވާދަ ކުރުމަށް ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީން ނިންމާފައިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް ކަމަށާއި އަދި ވާދަކުރާނީ ޕީޕީއެމްގެ ނަމުގައި ކަމަށެވެ.

"މާދަމާ އަޅުގަނޑުމެން މި ހުޅުވާލަނީ މިކަމުގައި ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ކުރިމަތިލުމަށް ބޭނުންފުޅުވާ ހުރިހާ މެންބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން އެއް ގޮނޑިއަކަށް ނުވަތަ ކައުންސިލަކަށް ހޮވާ އަދަދަށް ވުރެން އިތުރަށް ކުރިމަތިލައިފި ނަމަ އެ ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެ ކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޕްރައިމަރީން ހޮވޭ ފަރާތަކަށް ޕީޕީއެމްގެ ޓިކެޓް ހަވާލު ކުރާނެ ކަމަށެވެ.

މާދަމާ އިން ފެށިގެން ފޯމު ދޫކުރަން ޕީޕީއެމުން ނިންމާފައިވާއިރު އެ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ ޖެނުއަރީ 24 ވަނަ ދުވަހުގައި. އެ ދުވަހަކީ ޕީޕީއެމްގެ ޕްރައިމަރީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އަޅުގަނޑުމެން ބާއްވާނެ ދުވަސް،" މުއިއްޒު ވިދާޅުވި އެވެ.

ޕްރައިމަރީގައި ވޯޓު ލެވޭނީ ޖެނުއަރީ މަހުގެ 17 ގެ ކުރިން އެ ޕާޓީގެ މެންބަރަކަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނިކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ކައުންސިލު އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު އެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި، އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

comment ކޮމެންޓް