އަންގް ސަން ސޫކީ ހެއްދެވި ދޮގުތަކަށް ރޮހިންޔާ މުސްލިމުން ރައްދު ދީފި

ސޫކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި

ކުއާލަންޕޫރު (ޑިސެމްބަރު 12) ރޮހިންގްޔާ ދަރިކޮޅުގެ މީހުންނަށް އަނިޔާ ނުކުރާ ކަމަށް ވިދާޅުވެ މިޔަންމާގެ އެންމެ އިސްވެރިޔާ އަދި އެގައުމުގެ ސްޓޭޓް ކައުންސިލާ އަންގް ސަން ސޫކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ހެއްދެވި ދޮގުތަކަށް ރޮހިންގްޔާ މުސްލިމުން ނުރުހުން ފާޅުކޮށްފި އެވެ.

ރޮހިންގްޔާ އިންގެ ހައްގުތަކަށް މަސައްކަތްކުރައްވާ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު މުހިޔިއްދީން ވިދާޅުވީ އަންގް ސަން ސޫކީ އަކީ މިޔަންމާގެ ސިފައިންނާއި އެގައުމުގެ ހަރުކަށި ބުޑިސްޓުން ރޮހިންގްޔާ އިންނާ ދެކޮޅަށް ހިންގި ގަތްލު އާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ބައިވެރިއެއް ކަމަށާއި އެހެންކަމުން އެ ޖަރީމާތަކަށް ސޫކީ އިންކާރުކުރައްވާނެކަމުގަ އެވެ.

ސޫކީ އަކީ ހިޓްލަރު ފަދަ ރަހުމެއްނެތް އަނިޔާވެރިއެއް ކަމަށް ސިފަކުރައްވަމުން މުހިޔިއްދީން ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ސޫކީ ހައްޔަރުކޮށް ރޮހިންގްޔާއިންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ފަހަތުގައި ހުންނެވި ކަމުގެ ދައުވާ އޭނާގެ މައްޗަށް ކުރުމަށް ގޮވާލައްވައިފަ އެވެ.

މާ ޑިމޮކްރެޓިކް ލީޑަރެއްކަމަށްވެގެން ދުނިޔެއަށް ހަގީގަތް އޮޅުވާލަން ސޫކީ މަސައްކަތް ކުރެއްވި ނަމަވެސް ސޫކީގެ އަނިޔާވެރިކަމުގެ ހަގީގަތް ހުޅަނގުގެ ގައުމުތަކަށާއި އދ. އަށާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރަ ބައިނަލްއަގްވާމީ ފަރާތްތަކަށް ވެސް މިހާރު އެނގޭ ކަމަށާއި ބައިނަލްއަގްވާމީ އަދާލަތު އޭނާއާ އަރާހަމަކޮށް އޭނާއަށް ހައްގު އަދަބު ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް މުހިޔިއްދީން ވިދާޅުވި އެވެ.

ރޮހިންގްޔާ މުސްލިމުން ވަޒަނުުން ބޭރުކޮށްލަނީ

މިއަންމާގެ ސިފައިންނާއި އެގައުމުގެ ހަރުކަށި ވިސްނުމުގެ ބުޑިސްޓް ހާމުދުރުން ގުޅިގެން ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގިކަން އިންސާނީ ހައްގުތަކާބެހޭ އދ.ގެ ހައިކޮމިޝަނުން ކުރި ތަހްގީގްތަކުން ވަނީ ސާބިތުވެފަ އެވެ. މިގޮތުން މިއަންމާގެ ސިފައިންނާއި ހަރުކަށި ފިކުރުގެ ބުޑިސްޓުން ގުޅިގެން ރޮހިންގްޔާ އަންހެނުން ރޭޕްކޮށް، ފިރިހެނުން މަރައި އެމީހުންގެ މުދަލާއި ގެދޮރުގައި ހުޅުޖެހައި އަދި ބިރުދައްކައި ގައުމުން ބޭރުވުމަށް މަޖްބޫރުކުރިކަން އދ.ގެ ހައިކޮމިޝަނުން ކުރި ތަހްގީގްތަކުންވަނީ ސާބިތުވެފަ އެވެ.

މިޖަރީމާތައް ދިފާއުކުރައްވައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ވާހަކަދައްކަވަމުން ސޫކީވަނީ އެޖަރީމާތައް ހިންގި ކަމަށް އިންކާރު ކުރައްވައި އެކަމާ ބެހޭ ތަހްގީގްތަކަކީ ފުރިހަމަނުވާ ތަހްގީގްތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި ސޫކީ ވަނީ ރޮހިންގްޔާއިންގެ ނަސްލު ނައްތާލުމުގެ އަމަލެއް މިޔަންމާގެ އެއްވެސް ފަރާތަކުން ނުހިންގާކަމަށް ވިދާޅުވެ މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުންގެ މައްޗަށް ކުރަމުން ގެންދަނީ އަސާސެއްނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގި ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅީ އެފްރިކާގެ އިސްލާމީ ގައުމެއްކަމަށްވާ ގެމްބިއާ އިންނެވެ. ސޫކީ އެކޯޓުގައި ވާހަކަ ދެއްކެވީ އެ މައްސަލައިގެ ޝަރީއަތުގައި މިޔަންމާގެ ދިފާއުގައެވެ.

ގެންބިޔާއިން އެމައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހޫށަހެޅީ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ)ގެ ފަރާތުންނެވެ. ރޮހިންގްޔާ އިންނާ ދެކޮޅަށް މިޔަންމާއިން ޖަރީމާތައް ހިންގި ދުވަސްވަރު އެޖަރީމާތަކަށް ނުސީދާ ގޮތެއްގައި ސޫކީ ތާއީދު ކުރެއްވުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ނުރުހުމާއި ފާޑުކިޔުން ސޫކީ އަށް އަމާޒުވެގެން ގޮސްފައިވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ސޫކީގެ އަގު ބައިނަލްއަގްވާމީ މުޖްތަމައުގައި ވެއްޓި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އޭނާއަށް ދީފައިޥާ ބައެއް އިނާމުތައްވެސް އަނބުރައި ގެންގޮސްފައިވެ އެވެ.

ނަމަވެސް 1991 ވަނަ އަހަރު އޭނާއަށް ލިބިފައިވާ ސުލްހައިގެ ނޯބެލް އިނާމު އަނބުރައި ގެންގޮސްފައެއް ނުވެ އެވެ. ނޮބެލް އިނާމު ސޫކީ އަތުން އަތުލައި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ މުޖްރިމެއްގެ ގޮތުގައި ސޫކީގެ މައްޗަށް ޝަރީޢަތް ހިންގުމަށް ރޮހިންގާއިންގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް ބައިނަލްއަގްވާމީ މުޖްތަމައަށްވަނީ ގޮވާލާފަ އެވެ. (ނޫސް އެޖެންސީތައް)

comment ކޮމެންޓް