މަދަނީ އިޖުރާއަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު: ސަރުކާރުގެ ފަރާތުން އޭޖީ އޮފީހުން ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލަށް އާންމުންގެ ހިޔާލަށް ވަނީ ހުޅުވާލާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭ ގޮތުން އާންމުންގެ ހިޔާލަށް މިއަދު ހުޅުވާލައިފި އެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ފުރަތަމަ ކިއުން އިއްވާފައިވާ އެ ބިލު އިތުރަށް ދިރާސާކޮށް ކޮމެޓީ މަރުހަލާ ފަށާނީ އަންނަ އަހަރުގެ މަޖިލިސް ފުރަތަމަ ދައުރު ފެށުމުންނެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ބުނީ، އެ ބިލަށް ޢާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ، ކޮމެޓީ މަރުހަލާގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި، އެ ޚިޔާލުތަކަށް ބިނާކޮށް، ބިލު މުރާޖައާކޮށް އިސްލާހު ކުރުމަށްޓަކައި ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ، މަދަނީ މައްސަލަތަކުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ޤާނޫނެއް ނެތުމުގެ ސަބަބުން، މަދަނީ ޢަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، އެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދަޢުވާތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދިނުމަށް ހުށަހެޅި ބިލެއް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެ ބިލް މިހާރު ފަރުމާކޮށްފައިވަނީ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޢަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނަށާއި، ޚަޞްމުންގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުޞޫލުތަކެއް ކަނޑައަޅައިދީ، ތަހުޒީބީ މުޖުތަމަޢުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ބައްޓަންކުރުމަށްޓަކައި ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ބިލްގައި ހިމަނާފައިވާ މައިގަނޑު ކަންކަން:

- ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދަޢުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނެ ގޮތްތައް.

- އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުން.

- ޚަޞްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން؛

- މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން؛

- ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން ޢަމަލުކުރަންޖެހޭ ގޮތް.

- މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ޚަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން؛

- ޝަރީޢަތާ ގުޅިގެން ހިނގާ ޚަރަދު ޚަޞްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން؛

- ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން؛

- ޙުކުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މައްސަލަ އިސްތިއުނާފުކުރުމާއި، ޚާއްޞަ ޙާލަތްތަކުގައި މައްސަލަ މުރާޖަޢާކުރުމުގެ އުސޫލުތައް ބަޔާންކުރުން؛

- ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން

- ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ޙުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޛުކުރެވޭނެ ޙާލަތްތައް ކަނޑައެޅުން.

އެ ބިލާ ގުޅޭގޮތުން ޚިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ކުރިން އޭޖީ އޮފީހަށް އީ-މެއިލް ([email protected]) އަށް ހިޔާލު ފޮނުވުމަށް ވަނީ އެދިފަ އެވެ.

comment ކޮމެންޓް