އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވޭނީ މިއަހަރު ނިމޭއިރު ޕާޓީގައި ތިބޭ މެމްބަރުންނަށް

އެމްޑީޕީ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީ ޕްރައިމަރީގައި ވޯޓު ދެވޭނީ ޖެނުއަރީ އެކެއްގެ ކުރިން ދަފްތަރުގައި ތިއްބެވި މެމްބަރުން --- ފޮޓޯ: އެމްޑީޕީ

އަންނަ އެޕްރީލް މަހު ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެޕާޓީ ޕްރައިމަރީގައި ވާދަކުރެވޭނީ މިއަހަރު ނިމޭއިރު ޕާޓީގެ ދަފްތަރުގައި ތިއްބެވި މެމްބަރުންނަށް ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީއިން މިއަދު ނެރުނު އިއުލާނުގައި ބުނީ، އެޕާޓީ ޕްރައިމަރީގައި ވާދަ ކުރެވޭނީ އަދި އެ ޕްރައިމަރީގައި ވޯޓު ދެވޭނީ، މި ފެށޭ ޖެނުއަރީ އެކެއްގެ ކުރިން އެ ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ތިއްބެވި ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.

ޕްރައިމަރީ ބާއްވާނެ ތާރީހެއް މިހާތަނަށް އެޕާޓީން އިއުލާންކޮށްފައި ނުވެއެވެ. އެމްޑީޕީގެ އޮޕިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، ފެށޭ ހަފްތާގައި ޕްރައިމަރީ ބާއްވާނެ ތާރީހެއް އިއުލާން ކުރައްވާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ޕްރައިމަރީ އޮންނާނީ ޖެނުއަރީ މަސް ތެރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނުއަރީގެ ކުރިން ޕާޓީގެ ދަފުތަރުގައި ތިއްބެވި މެމްބަރުންނަށް ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމަށް އެމްޑީޕީން އިއުލާން ކުރި އިރު، މިދިޔަ މަހު ބޭއްވި އެޕާޓީގެ ލީޑާޝިޕް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ، 87،439 މެމްބަރުންނަށެވެ.

އެމްޑީޕީން ލީޑާޝިޕް އިންތިހާބަށް އާންމުކުރި އެޕާޓީގެ ވޯޓާސް ލިސްޓުގައި 87،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ އިރު، އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު އާންމު ކުރި ތަފާސް ހިސާބުތަކުން އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ، 53،694 އެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް ޕްރައިމަރީއަށް ތައްޔާރުވަމުން އަންނަ އިރު، ބައެއް ބޭފުޅުން ވަނީ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކޮށް ކެމްޕެއިންވެސް ފައްޓަވާފައެވެ.

މިފަހަރު އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި، އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެނުން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

https://sun.mv/128744

comment ކޮމެންޓް