ވެޓް ކްލިނިކުން 900 އަށްވުރެ ގިނަ ޖަނަވާރަށް ފަރުވާދީފި

ބުޅަލެއް މާލޭ ރަޅުގަނޑު ސަރަހައްދުގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޖަނަވާރަށް ފަރުވާދިނުމަށް ވިލިމާލޭގައި ހިންގާ ވެޓް ކްލިނިކުން 997 ޖަނަވާރަކަށް ފަރުވާދީފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތިދުވަހު ބޭއްވި ނުވަގަޑި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޓްރެއިނިން އެކްސްޓެންޝަން އެންޑް އެޑެޕްޓިވް ރިސާޗް ސެކްޝަނުގެ ޑިރެކްޓަރު އަލީ އާމިރު ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ވިލިމާލޭ ވެޓް ކްލިނިކުން 997 ޖަނަވާރަށް ފަރުވާ ދީފައިވާ ކަމަށެވެ.

ވެޓް ކްލިނިކުންދޭ ހިދުމަތްތައް ދުވަސްކޮޅަކަށް މެދުކެނޑުމުން ރައްޔިތުންގެ ޝަކުވާތައް އިތުރުވިކަން ފާހަގަ ކުރައްވާ އާމިރު ވިދާޅުވީ މިނިސްޓްރީ އިން އިސްނަގައިގެން ވެޓުން ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ވެޓްނަރީ ހިދުމަތް ދިނުމުގައި އެބަހުރި ގޮންޖެހުންތައް. މި ހިދުމަތް ދިނުމުގައި އަޅުގަނޑުމެން މިބަލަނީ ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭތޯ. ވެޓްނަރީ ހިދުމަތް ފުޅާކުރަން ބަލާއިރު މިއީ ޕްރައިވެޓް ސެކްޓާ އިންވެސް އަންނަން ޖެހޭ ކަމެއް،" އާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ މުޖުތަމައުގައި މިހާރު ވަރަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށާއި މިނިސްޓްރީ އިން މި ހިދުމަތް ދެނީ ރައްޔިތުންނަށް ދޭ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

"ވެޓްގެ ހިދުމަތް ދޭން ބޭނުންވާ އަމިއްލަ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އިން އިއުލާނުވެސް ކުރި. އެއަށް އެކަށީގެންވާ އިޖާބައެއް ނުލިބި އޮތޯ. އަޅުގަނޑުމެން މި ކަން މިކުރަނީ ވީހާވެސް ބޮޑަކަށް މިކަން ނުހުއްޓި ކުރާ ކަމެއްގެ ގޮތުގައި ވިސްނައިގެން،"

މިނިސްޓްރީ އިން ބުނީ ރާއްޖޭގައި ވެޓްނަރީ ހިދުމަތަށް މީހަކު ތަމްރީނު ކުރުމަށް ފުރުސަތެއް ލިބިފައިވާ ކަމަށާއި ވެޓްނަރީ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު މިނިސްޓްރީގެ މުވައްޒަފަކަށް ދީފައިވާ ކަމަށެވެ.

"ވެޓްނަރީ އެސިސްޓެންޓުގެ ގޮތުގައި ކުދިން އެބަ ގެންގުޅެން. ފުރަތަމަ ހިދުމަތް ދެވެނެ ފެންވަރަށް ކުދިން ތަމްރީނުކޮށްގެން." މިނިސްޓްރީ އިން ބުނީ މިއީ ރާއްޖޭގައި މި ހިދުމަތަށް ޑިމާންޑު ބޮޑު ކަމަށާއި މިއީ ޕްރައިވެޓް ސެކްޓާ އިން ދޭން ރަނގަޅު ހިދުމަތެއް ކަމަށެވެ.

comment ކޮމެންޓް