އަލަށް އުފައްދާ އިއްޒުއްދީން ސްކޫލްއިން 300 އެއްހާ ކުދިންނަށް ޖާގަދީފި

އެމްއީއެސް ހިންގި އިމާރާތް. އެތަނުގައި ދެން ހިންގާނީ އިއްޒުއްދީން ސްކޫލް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިން މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އަންނަ އަހަރު ފަށާ އާ ސްކޫލް ،އިއްޒުއްދީން ސްކޫލްއިން މިހާތަނަށް 300 އެއްހާ ކުދިންނަށް ޖާގަދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އާ ސްކޫލްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސްކޫލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލީ މިއަދު އެވެ. އެ ސްކޫލްގައި ރަޖިސްޓްރީކުރުމުގެ ފޯމް މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން މިހާރު ލިބެ އެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސްކޫލްގައި މިހާރު ކުރަމުންދަނީ ބައެއް މަރާމާތުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން އެ ސްކޫލްގައި މިހާރު ކުރަމުންދަނީ ތަށިމުށި ޖެހުމާއި ކަތުރުުފަނިތައް ނައްތާލުމުގެ މަސައްކަތް ކަމަށެވެ.

ގްރޭޑް އެކަކުން ފެށިގެން ހަޔަކަށް ކިޔަވައިދޭ އެ ސްކޫލްގައި 450 އެއްހާ ދަރިވަރުންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެމްއީއެސް ހިންގި އިމާރާތް އިތުރަށް މަރާމާތުކޮށް ކިޔަވައިދިނުމުގެ ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ

އިއްޒުއްދީންު ސްކޫލު އުފައްދަނީ ސްކޫލުތައް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައެވެ. މާލޭގައި އެއް ދަންފަޅިއަށް ހިންގާ ސަރުކާރު ސްކޫލެއް މިވަގުތު ނެތް އިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް