ނާސްތާ ޕްރޮގްރާމަށް ދޮންކެޔޮ ނުލިބޭތީ، ކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަނީ

މޭ 27، 2017: ބާޒާރުމަތީ ދޮންކެޔޮގަނޑެއް އެލުވާފައި: ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމަށް ވަރަށް ގިނަ އަދަދަކަށް ދެޮންކެޔޮ ބޭނުންވޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލު ކުދިންގެ ނާސްތާގެ ޕްރޮގްރާމަށް ބޭނުންވާ، ދޮންކެޔޮ ލިބުން ދަތިވާތީ، ރާއްޖޭގެ އެކި ރަށްރަށުގައި 3،000 އަށް ވުރެ ގިނަ ފަތްކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނުވަގަޑި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޓްރެއިނިން އެކްސްޓެންޝަން އެންޑް އެޑެޕްޓިވް ރިސާޗް ސެންޓަރުގެ ޑިރެކްޓަރު އަލީ އާމިރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އާއި މަޝްވަރާކުރި އިރު ސްކޫލް ނާސްތާ ޕްރޮގްރާމަށް ބޭނުންވާ ދޮންކެޔޮ އެކި ރަށްރަށުން ލިބުމުގައި ދަތިތައް އުޅޭކަން ފާހަގަ ވެފައިވާ ކަމަށެވެ.

"ރާއްޖެއަށް ވަރަށް ގިނައިން އެބަ ފަތްކެޔޮ އެތެރެކުރޭ. ފަތްކޭލަކީ ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދޭނެ ބާވަތަކަށް ވާތީ އަޅުގަނޑުމެންގެ މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއެކު ވާނީ ޕްރޮގްރާމެއް ފަށާފައި،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 10 ރަށެއް ހޮވައި ފަތްކެޔޮގަސް ހެއްދުމަށް ބޭނުންވާ ގަސްކާނާ ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން ޖުމްލަ 3075 ގަސް މި 10 ރަށަށް ފޮނުވާނެ ކަމަށެވެ. އަދި ރަށްރަށަށް ފޮނުވާ ފަތްކޭލުގެ މުޑުވަކަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފަސޭހައިން ހެދޭނެ އެއްޗަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތައާރަފުކުރާ މުޑުވަކަކީ ދުނިޔޭގައިވެސް މަޝްހޫރު އިމްޕްރޫވްޑް ވެރައިޓީ އެއް. ކެވެޑިޝް ވެރައިޓީ މި ތައާރަފު ކުރަނީ. މުޑުވައްތަކަކީ ތަފާތު ބަލިތަކުން ރައްކާތެރިވާނެކަން ޔަގީންކުރުމަށްޓަކާ ޓީޝޫ ކަލްޗާކޮށްގެން އުފައްދާފައިވާ މުޑުވައްތަކެއް،" އާމިރު ވިދާޅުވި އެވެ.

comment ކޮމެންޓް