އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގެ ވޯޓުލުން ފަށައިފި

އިނގިރޭސިވި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއްމު އިންތިހާބުގައި ވޯޓު ދެއްވުމަށް ފަހު ވަޑައިގަންނަވަނީ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޑިސެމްބަރު 12): އިނގިރޭސިވިލާތުގައި ހަތަރު އަހަރުތެރޭ ބާއްވާ ތިންވަނަ އާންމު އިންތިހާބުގައި ވޯޓުލުން މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ގަޑިން 7:00އިން މިރޭ 22:00އަށް ކުރިއަށްގެންދާ އެ އިންތިހާބުގައި 650 މެމްބަރުން ހޮވާނެ އެވެ. އަދި އިންތިހާބު ނިމުމާ އެކު ވޯޓު ގުނަން ފަށާނެ އެވެ.

އިނގިރޭސި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެ އިންތިހާބުން އެންމެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނީ މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ކޮންޒަވޭޓިވް ޕާޓީންނެވެ.

އިނގިރޭސިވިލާތުގައި އާއްމު ގޮތެއްގައި ޕާލިމެންޓު އިންތިހާބު ބާއްވަނީ ކޮންމެ ހަތަރެއް ނުވަތަ ފަސް އަހަރުން އެއް ފަހަރެވެ. ނަމަވެސް 2022ގައި ބާއްވަން އޮތް އިންތިހާބު އަވަސް ކުރަން އެގައުމުން ނިންމީ އެގައުމު ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް ނާދެވިގެންނެވެ.

އިނގިރޭސިން އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ކުރީގެ ބޮޑުވަޒީރު ތެރިސާ މޭ އެކުލަވާލެއްވި އެއްބަސްވުމަށް ޕާލިމެންޓުން ވަނީ ތިން ފަހަރަކު ނޫނެކޭ ބުނެފަ އެވެ. އޭގެ ސަބަބުން މިދިޔަ ޖުލައި މަހު އެކަމަނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި އޭގެ ފަހުން ޖޯންސަން ވެރިކަމަށް ވަޑައިގެން އެކުލަވާލެއްވި އެއްބަސްވުމަށްވެސް ޕާލިމެންޓުން ރުހުން ނުދިނެވެ.

އިނގިރޭސިން އީޔޫއިން ވަކިވާން އެންމެ ފުރަތަމަ ކަނޑައަޅާފައި އޮތް ތާރިހަކީ މިއަހަރުގެ މާޗް 29 އެވެ. އޭގެ ފަހުން އޮކްޓޯބަރު 31އަށް ފަސްކުރުމަށް ފަހު މިހާރު އެ ތާރީހު ވަނީ ޖެނުއަރީ 31އަށް ފަސްކޮށްފައެވެ.

މިހާރު އިނގިރޭސި ޕާލަމެންޓުގެ މެމްބަރުން ވަނީ ބްރެކްސިޓާ ބެހޭ ގޮތުން މައިގަނޑު ތިން ހިޔާލަކަށް ބެހިފައެވެ. އެއީ އެއްބަސްވުމެއް ފާސް ނުކުރެވުނަސް ވީހާވެސް އަވަހަކަށް އީޔޫއިން ވަކިވުން ނުވަތަ އީޔޫއިން ވަކިވުމާ ބެހޭގޮތުން އާ ފެންނަ ނުފެންނަ ވޯޓެއް ނެގުން ނުވަތަ އިނގިރޭސިން އީޔޫއިން ވަކިނުވުމަށެވެ.

އަދި ސަރުކާރުން އުއްމީދު ކުރަނީ އާ ޕާލަމެންޓުގައި ކޮންމެވެސް އެއް ހިޔާލަކަށް ތާއިދު ކުރާ މެމްބަރުންނަށް އަޣުލަބިއްޔަތު ލިބޭނެ ކަމަށެވެ.

comment ކޮމެންޓް