މަގުމަތިން ނަޖިސް އަރަނީ އާންމުންގެ ތެރެއިން މަދު ބައެއްގެ އިހުމާލުން: އާޒިމް

އެމްޑަބްލިއުއެސްސީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މާލޭ މަގުތަކުން ނަޖިސް އެރުމުގެ މައްސަލަ ކުރިމަތިވަނީ ނަރުދަމާ ނިޒާމުގެ ނުކުޅެދުންތެރި ކަމަކުން ނޫން ކަމަށާއި އެއީ އާންމުންގެ ތެރެއިން މަދު ބައެއްގެ އިހުމާލުން ދިމާވާ މައްސަލައެއް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ދައުލަތުގެ ފެން ކުންފުނިން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތައް ހިއްސާ ކުރައްވަމުން އާޒިމް ވިދާޅުވީ މާލޭ މަގުތަކުން ނަޖިސް އެރުމުގެ މައްސަލައަކީ ކުރިން އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށާއި އެ މައްސަލައަށް މިހާރު ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކުރު މުއްދަތެއްގެ ހައްލެއްކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ، މިހާރު ވެސް ވާރޭ ވެހޭއިރު އެ މައްސަލަ ކުރިމަތިވާ ކަމަށާއި އެކަން އެހެން ދިމާވަނީ ވަރަށް މަދު ގެއެއްގެ ދިޔަދޮވި ހޮޅި، ގަވާއިދާ ހިލާފަށް ފެން ކުންފުނީގެ ނަރުދަމާ ނިޒާމަށް ގުޅާފައި ހުންނާތީ ކަމަށެވެ.

"ދުނިޔޭގެ އެއްވެސް ޤައުމެއްގެ ނަރުދަމާ ނިޒާމަކީ ވެހޭ ހާ ވާރޭ ފެނެއް އެޅޭގޮތަށް ދިޔަދޮވި ހޮޅިތައް ގުޅާފައި ހުންނަ ނިޒާމުތަކެއް ނޫން. ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އެ ނިޒާމަކީ ވަކިން އަޅާފައި އޮންނަ ނިޒާމެއް." އާޒިމް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްޑަބްލިއުއެސްސީ

އާޒިމް ވިދާޅުވީ މިހާރު ވެސް މާލޭގެ ވެސް ބައެއް ސަރަހައްދުތަކުގައި ސްޓޯމް ވޯޓާއަށް ވަކިން ނިޒާމެއް ބޭނުމެއް ކުރަމުންދާ ކަމަށާއި މި ސަރުކާރުން މާލޭގެ މަގުތައް ތަރައްގީކޮށް ނިމޭއިރު، ސްޓޯމް ވޯޓާ ސިސްޓަމެއް ވެސް އަޅާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިހާރު އެ ނިޒާމު ބޭނުން ކުރަމުންދަނީ އަމީނީ މަގާއި ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގަ އެވެ.

ފެން ކުންފުނިން ކުރިއަށްގެންދިޔަ ދިރާސާގައި މާލޭގެ 203 ގެއެއްގެ ދިޔަދޮވިތައް ހުރީ ނަރުދަމާ ނިޒާމާ ގުޅާފަ އެވެ. އެފަދަ ގެތަކުގެ ދިޔަދޮވިތައް ނަރުދަމާގެ ނިޒާމުން ވަކި ކުރުމުގެ މަސައްކަތް، އެ ފަރާތްތަކާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

އެ ދިރާސާއިން އިތުރަށް ފާހަގަވި މައްސަލަތަކުގެ ތެރޭގައި ކޮމާޝަލް ބަދިގެ ހުންނަ ސަރަހައްދުތަކުގައި ކެއްކުމުގައި ބޭނުން ކުރާ ތެޔޮ ދޫކުރުމަށް އެކަށީގެންވާ ވަރަށް އޮއިލް ޓްރެޕް ނުހުންނަ ކަން ހިމެނެ އެވެ.

މީގެ އިތުރުން މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ނަރުދަމާގެ ނިޒާމު އެކަށީގެންވާ ވަރަށް ސާފުކޮށްފައި ނެތް ކަމަށާއި އެއީ ފެން ކުންފުނީގެ އިހުމާލެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ ވެހިކަލްތައް ރަނގަޅުކޮށް، އާ ވެހިކަލްތައް ހޯދައި، ވަކި ޑިވިޝަނެއް ހެދިގެން ނަރުދަމާ ނެޓްވޯކަކީ ވަކިން ބެލެހެއްޓޭ ނިޒާމަކަށް ބަދަލު ކޮށްފައި." އާޒިމް ވިދާޅުވި އެވެ.

އެގޮތުން ވާރޭ ނުވެހޭ ކަމަށްވާ ނަމަ، އަބަދު ވެސް އެ ޓީމުން ނަރުދަމާ ނިޒާމު ސާފު ކުރަމުންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައް ދެނެގަތުމަށްޓަކައި އެމްޑަބްލިއުއެސްސީން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރާސާއެއް ކުރަން ފެށީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގަ އެވެ.

ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ދިރާސާގެ ހޯދުންތަކުން ނަރުދަމާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެ އެވެ.

comment ކޮމެންޓް