ހާއްސައެހީއަށް ބޭނުންވާ އުމުރުން 21 އަހަރުގެ މަރިޔަމް މާހް ހަމީދު ގުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި އެވެ.
މާހްއާ ބައްދަލުކުރައްވައި މިނިސްޓަރު ވަނީ އޭނާއަށް ހަދިޔާ ވެސް ދެއްވައިފަ އެވެ.
އެ ބައްދަލުވުމުގައި މާހްއާއި މާހްގެ މަންމަވެސް ބައިވެރިވެލެއްވި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަގޮތްތައް ހަމަޖައްސައިދީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެ ގޮތްތައް ފަހިކުރެއްވުމަށް އަބަދު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ހަމައެހެންމެ ގުރުއާން ހިތުދަސްކުރުމަށް ފަހު އަބަދު ވެސް މުރާޖައާ ކުރަންޖެހޭނެ ކަމަށާއި އެކަން އަބަދު ވެސްކުރުމަށް މަރްޔަމްއަށް ނަސޭހަތްތެރިވި އެވެ. އަދި ގުރުއާން ހިތުދަސްކުރުމަކީ މިނިސްޓަރު ވަރަށް އުފާކުރައްވާ ކަމެއްކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މާހްގެ މަންމަ ބުނީ އެންމެ ތުއްތު ދުވަސްވަރުގައި މަރްޔަމް ރަނގަޅަށް ވާހަކަދައްކަން ފެށުމުގެ ކުރިން ގުރުއާން ކިޔަވަން ފެށި ކަމަށެވެ. އަދި މާހްއަށް ގުރުއާން ހިތުދަސްކުރުމަށް ފަސޭހަވީ ލިޔެގެންނެވެ. އެގޮތުން މުޅި ގުރުއާން އެއްކޮށް އަމިއްލަ އަތުން ފަސް ފަހަރު މަރްޔަމް ލިޔެފައިވާ ކަމަށް ވެސް މާހްގެ މަންމަ ބުންޏެވެ.
ޅ.ނައިފަރަށް އުފަން މަރްޔަމް މާހް ހަމީދު ވަޒީފާ އަދާކުރަމުން އަންނަނީ މޯލްޑިވިއަންގެ އެޗް.އާރް ކޯޑިނޭޓަރެއްގެ ގޮތުގަ އެވެ.