ތިންލައްކައިގެ އާބާދީއަކަށް އަމާޒުކޮށް، އެމްޑަބްލިއުއެސްސީގެ ނަރުދަމާ ނިޒާމު ފުޅާކުރަނީ

އެމްޑަބްލިއުއެސްސީ އިން ކުރިއަށްގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްޑަބްލިއުއެސްސީ

ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ނަރުދަމާ ނެޓްވޯކް، މާލޭގެ އާބާދީ ތިންލައްކައަށް އިތުރުވިޔަސް ޚިދުމަތް ދެވޭ ވަރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، މާލެއަށް ކުރިމަތިވެފައިވާ ނަރުދަމާގެ މައްސަލައަށް ކުރު ރާސްތާގެ ހައްލުތަކެއް ހޯދިފައިވާ ކަމަށާއި ނަމަވެސް، އާބާދީ އިތުރުވަމުން ދިއުމަކީ އެ ނިޒާމު ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

"ދުވަހުން ދުވަހަށް މާލޭގެ އާބާދީ އިތުރުވަމުންދާ ނަމަ، ނަރުދަމާގެ މައްސަލައަށް ދިގު މުއްދަތެއްގެ ހައްލެއް ހޯދަން ޖެހޭ. އެގޮތަށް ގަބޫލު ކުރެވޭތީ، [ޕްލޭނެއްގެ ދަށުން] ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާލޭގެ އާބާދީ ތިން ލައްކައަށް ބަދަލުވެގެން ދިޔަޔަސް، އެ އާބާދީއަށް ބޭނުންވާ ޚިދުމަތް ދިނުމަށްޓަކައި ނެޓްވޯކް ފުޅާކޮށް، ވަރުގަދަ ކުރެވިގެންދާނެ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މިހާރު ވެސް ބައެއް ޕައިޕްލައިންތައް ބަދަލުކޮށްފައިވާ ކަމަށާއި، އިތުރު ޕަމްޕް ސްޓޭޝަންތައް އަޅަން ރާވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް 2022ގެ ކުރިން ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ނަރުދަމާގެ ނިޒާމު ފުޅާކުރުމަށް ޓަކައި އިތުރު ޕަމްޕް ސްޓޭޝަންތަކެއް ހެދުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ އިރު، މިހާރު ހުރި ޕަމްޕް ސްޓޭޝަންތައް އަޕްގްރޭޑްކޮށް، އެ ސްޓޭޝަންތަކުގެ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

comment ކޮމެންޓް