ދަނޑުވެރިކަމަކީ އިގްތިސާދުގެ ތަނބަކަށް ހަދަން ބޭނުން: ޒަހާ

ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ދަނޑުވެރިކަމަކީ އިގްތިސޯދުގެ މައިގަނޑު އެއް ތަނބަށް ހަދަން ބޭނުންވާކަމަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގެ ދަށުން ހިންގާ އެގްރިކަލްޗާ ޑިވިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވު ނުވަގަޑި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ އެގްރިކަލްޗާ ސެކްޓާ އަކީ ގައުމުގެ އެއް އިގްތިސޯދީ ތަނބަށް ހަދަން ބޭނުންވާ ކަމަށެވެ.

"ދަނޑުވެރިންނަކީ ހަމައެކަނު ފުދުންތެރި ބަޔަކަށް ވާކަށް ނޫން. ކާނާގެ ޔަގީންކަން އެކަންޏެއް ނޫން. ސިނާއީ ދާއިރާ އަކަށް ވެސް މި ދާއިރާ ހަދަން ބޭނުން. އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތަކީ ވެސް މި އަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ އަށް މީހުން ތަމްރީނު ކުރުމުގެ ގިނަ މަސައްކަތްތަކެއް މިއަހަރު ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ދާއިރާ އަށް ބޭނުންވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް އެކުލަވާލެވިފައިވާ ކަމަށާއި މިހާރު އެންމެ ބޭނުންވަނީ ދަނޑުވެރިކަމަށް ހާއްސަ ގާނޫނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުވެރިންނަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި ދާއިރާ ކުރިނާރަނީ އެހެންވެގެން ކަމަށެވެ.

"އެބޭފުޅުން އުފައްދަވާ ތަކެތި މާކެޓެއް ނުކުރެވޭ. އެ އެއްޗެތި ރަނގަޅު އަގެއްގައި ބާޒާރަށް ނެރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ،"

އެ މިނިސްޓްރީގެ ޓްރެއިނިން އެކްސްޓެންޝަން އެންޑް އެޑެޕްޓިވް ރިސާޗް ސެކްޝަނުގެ ޑިރެކްޓަރު އަލީ އާމިރު ވިދާޅުވީ ދަނޑުވެރިކަމުގެ މަސައްކަތަށް މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު މި އަހަރު 19 ރަށެއްގައި ހިންގާފައިވާ ކަމަށާއި މި ޕްރޮގްރާމުތަކުގައި 470 މީހަކު ތަމްރީނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 272 އަންހެނުންނާއި 198 ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަނޑުވެރިކަން ކުރާއިރު ތަފާތު އެކިކަހަލަ މައުލޫމާތު ދަނޑުވެރިންނަށް ބޭނުންވޭ. ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދުވަހުން ދުވަހަށް ތަފާތުތައް އެބައާދޭ. ދަނޑުވެރިން ބޭނުންވާ ފުރިހަމަ މަންފާ ނެރެވޭނީ މައުލޫމާތު ރަނގަޅަށް ލިބިގެން،"

އާމިރު ވިދާޅުވީ ދަނޑުވެރިކަމުގެ މައުލޫމާތު ހޯދުމަށް ރާއްޖޭގައި މިވަގުތު ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. އެ ޑިމާންޑާ އެއްވަރަށް ދަނޑުވެރިން ބޭނުންވާ މައުލޫމާތު ފޯރުކޮށް ނުދެވޭކަން ވެސް މިނިސްޓްރީ އިން ފާހަގަ ކުރި އެވެ.

"އަޅުގަނޑުމެން ބަލަނީ ކެޕޭސިޓީ ހުރި ވަރަކުން ދަނޑުވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން،"

އޭނާ ވިދާޅުވީ ދަނޑުވެރިކަމަށް މީހުންތަމްރީނު ކުރުމަށް މިނިސްޓްރީގައި މިވަގުތު ތިބީ އަށް މީހުން ކަމަށާއި ކައުންސިލްތައް މެދުވެރިކޮށް ދަނޑުވެރިން ތަމްރީނު ކުރުމަށް ބޭނުންވާ ފީލްޑް އޮފިސަރުން ތަމްރީނު ކުރުމަށް އިންޑިއާ އަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ނެއްލައިދޫ، ރ.ވާދޫ، ގއ. މާމެންދޫ، އަދި ޏ. ފުވައްމުލަކުގެ މީހުންނެވެ. މިނިސްޓްރީ އިން ބުނީ މިއީ މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނުގެ އެހީގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ދަނޑުވެރިން ތަމްރީނު ކުރުމަށް ހދ. ހަނިމާދޫގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމުގައި ވެސް ދެ މީހަކު ބައިވެރިވެފައިވާކަމަށާއި މިއީ ހަ މަހުގެ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ދަނޑުވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޓަކައި ކުންފުންޏެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ޒަހާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އަންނަ ފެބްރުއަރީގެ ކުރިން މި ކުންފުނި އުފެއްދޭނެ ކަމަށެވެ.

https://sun.mv/127301

comment ކޮމެންޓް