"ރިވެތި އާދަ ކޭމްޕް 2019" ކާމިޔާބުކަމާ އެކު ނިންމާލައިފި

"ރިވެތި އާދަ ކޭމްޕް 2019"ގެ ތެރެއިން --- ފޮޓޯ: އައިޔޫއެމް

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ތުއްތު ކުދިންނަށް އަމާޒުކޮށްގެން ސްކޫލު ބަންދާ ދިމާކޮށް ކުރިއަށް ގެންދިޔަ "ރިވެތި އާދަ ކޭމްޕް 2019" ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ 40 ދަރިވަރުން ބައިވެރިވި ކަމަށް ޔުނިވާސިޓީން ބުންޏެވެ.

ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކޭމްޕްގެ ފުރަތަމަ ދުވަސް އަމާޒުކޮށްފައި ވަނީ ބައިވެރިންގެ ހިތްތަކުގައި ދީނީ އަޅުކަން އަދާކުރުމަށް ޝައުގުވެރިކުރުވާ، އަޅުކަން ކުރާނެ ރަނގަޅު ގޮތް ދަސްކޮށްދިނުމުގެ އިތުރުން ދީނީ ރިވެތި އާދަތައް ދަސްކޮށްދިނުމަށެވެ.

އެގޮތުން ބައިވެރިންނަށް އިސްލާމީ ރިވެތި ސަލާމުން ސަލާމްކުރުމަށް ދަސްކޮށްދީ، ފުރިހަމަ ގޮތުގައި ވުޟޫކުރަން ދަސްކޮށްދީ ނަމާދުގައި ކިޔާ ދުއާތަކާއި ނަމާދު ކުރާނެގޮތް ދަސްކޮށްދީފައި ވާނެ ކަމަށް ޔުނިވާސިޓީން ބުނެ އެވެ.

ކޭމްޕުގެ ދެވަނަ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އަރަބި އަކުރުތައް މަހްރަޖަށް ކިޔަން ދަސްކޮށްދިނުމާއި ތަޖުވީދަށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުމާއި ހެނދުނާއި ހަވީރުގެ ޒިކުރުތައް ދަސްކޮށްދިނުމާއި ކެއުމާއި ބުއިމުގެ ރީތި އާދަތައް ބައިވެރިންނަށް އުނގަންނައިދެވޭނެ ފަދަ ގޮތަކަށެވެ.

ކޭމްޕުގެ ފަހު ދުވަހުގެ ހަރަކާތްތަކުގައި އަރަބި އަކުރުން އެ ކުއްޖެއްގެ އަމިއްލަ ނަން ލިޔަން ދަސްކޮށްދިނުމާއި ދޮށީ އުމުރުގެ މީހުންނަށް ހެޔޮކޮށް ހިތަން ދަސްކޮށްދިނުމާއި ގޭގެއަށް ޒިޔާރަތް ކުރުމުގައި ގެންގުޅެން ޖެހޭ ރީތި އާދަތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފަ އެވެ.

ކޭމްޕުގައި ބައިވެރިވި ހުރިހާ ކުދިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. ޔުނިވާސިޓީން ބުނީ މިއީ ކުޑަކުދިންނަށް އަމާޒުކޮށްގެން މިފަދަ ބޮޑު އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށާއި މި ކޭމްޕުގެ ތަޖުރިބާއަށް ބެލުމަށް ފަހު ކުރިއަށް އޮތް ތަނުގައި މިފަދަ ގިނަ އިވެންޓުތަކެއް ބާއްވާނެ ކަމަށެވެ.

comment ކޮމެންޓް